ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގދ. މަޑަވެއްޔަށް ވަޑައިގެން، އެރަށު ސިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތް ރަސްމީގޮތުން ހުޅުއްވައިދެއްވައި އެރަށުގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވައިފި އެވެ.

މި ރަސްމިއްޔާތުތައް ބޭއްވެވީ ރައީސް ގދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މަޑަވެލީގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްކޮށްފައި ވަނީ ޓްރިވެނި އިންޖިނިއަރިން އެންޑް އިންޑަސްޓްރީސް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މަޑަވެލީ ސިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތުގެ މަސައްކަތްކޮށްފައި ވަނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މި އިމާރާތުގައި 3 އޯޕީޑީ ރޫމާއި ލެބޯޓްރީ، އީއާރު، ރިސެޕްޝަން އަދި ވެއިޓިން ރޫމާއި ޑްރެސިން އެންޑް އިޖެކްޝަން ރޫމް ހިމެނެ އެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފަ އެވެ. އަދި މިހާރު ވެސް ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް އެކި މަރުޙަލާތަކުގައި ދަނީ ހިންގަމުންނެވެ.