މަތީ ތައުލީމު ދިނުން އިތުރަށް ފުޅާކޮށް ރާއްޖޭން ބޭރުގެ ނަން މަޝްހޫރު ކެމްޕަސްތައް ރާއްޖެ ގެނެސް ކޯސްތަކާއި ސްކޮލާޝިޕްގެ ފުރުސަތުތައް ޒުވާނުންނަށް ފަހިކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ގދ. އަތޮޅަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ވާދޫގައި ބޭއްވި ބަނދަރު ޖަލްސާގައި ރައީސް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ސަރުކާރަށް ކުރެވުނު އެންމެ މުހިންމު މަސައްކަތަކީ ތައުލީމީ ޒުވާން ޖީލެއް ބިނާ ކުރުމަށް ކުރެވުނު މަސައްކަތް ކަމަށެވެ. އެގޮތުން ތައުލީމީ ޖީލެއް ބިނާ ކުރުމަށް ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފަށަފައިވާކަން ފާހަގަ ކުރެއްވި އެވެ.
ރައީސް ވިދާޅުވީ ތައުލީމީ ހިދިމަތް ދިނުމުގައި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުމާއެކު ރާއްޖޭގެ މަތީ ތައުލީމުގެ ނިޒާމް މުޅީން ބަދަލުކޮށްލާނެ ކަމަށެވެ. އަދި މަތީ ތައުލީމުގެ ނިޒާމަކީ އެމީހެއްގެ ގާބިލިއްޔަތު ވަޒަން ކުރެވޭނެ، އެއްވެސް ތަކުލީފެއް ނެތި ބައިވެރިވެވޭނެ ނިޒާމަކަށް ހައްދަވައިދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވާ ގައުމަކަށް ވާއިރު އެދާއިރާއިން މީހުން ބިނާ ކުރުމަށް ބޭރުގެ ނަން މަޝްހޫރު ހޮސްޕިޓަލިޓީ ކެމްޕަހެއް ގާއިމްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ސްޓޫޑަންޓު ލޯނުގެ އިންޓްރެސްޓް ކުޑަކުރުމާއި، ރާއްޖެއަށް ހިދުމަތް ކުރުމުގެ ޝަރުތާއެކު ލޯނު މައާފު ކޮށްދެއްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
"އޭގެ ސަބަބުން ރަށްރަށުގެ ދިރިއުޅުމަށް އިންގިލާބީ ބަދަލުތަކެއް އަންނަމުން މިދަނީ. ޝައްކެއް ނެތް ކުރިއަށް އޮތް ތަނުގައި މި ބަދަލު ރަށްރަށުން ފެނިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
މިދިޔަ ހަފްތާ އެމްޑީޕީން ވަނީ އެޕާޓީގެ މެނިފެސްޓޯ އިފްތިތާހު ކޮށްފަ އެވެ. އެ މެނިފެސްޓޯގައި ވެސް ތައުލީމީ ދާއިރާއަށް ހާއްސަ އިސްކަމެއް ދީފައިވެ އެވެ.