އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ވާދަވެރި ރިޔާސީ އިންތިހާބަށް ވާއިރު، މި އިންތިހާބު އިންސާފުވެރި ކަމާއެކު ކުރިއަށް ގެންދިއުމަށް ހުރިހާ ކެންޑިޑޭޓުންގެ ކިބައިން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު އެދިވަޑައިގެންފި އެވެ.
އަންނަ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބައްވާ ރިޔާސީ އިންތިހަބުގައި 8 ކެންޑިޑޭޓުން ބައިވެރިވެ އެވެ. ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ އިންތިހަބާ ބެހޭ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި އީސީގެ ނައިބު ރައީސް ހަބީބު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ ވަރަށް ވާދަވެރި އިންތިހާބަކަށް ވާނެ ކަމަށެވެ. އެއީ ގިނަ ކެންޑިޑޭޓުންތަކެއް ވާދަ ކުރާނެ އިންތިހާބަކަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު އިންސާފުވެރިކަމާއި އެކު ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދިނުމަށް ހުރިހާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންނަށް ތާއީދު ކުރާ ހުރިހާ ފަރާތްތަކުގެ ކިބައިން އެދޭ ކަމަށް ހަބީބު ވިދާޅުވި އެވެ. އަދި ހުރިހާ ކެންޑިޑޭޓުން ވެސް ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ކެމްޕެއިން ކުރިއަށް ގެންދިއުމަށް އެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި އިންތިހާބަކީ ވަރަށް ވާދަވެރި އިންތިހާބަކަށް ވާނެ. ސަބަބަކީ ގިނަ ކެންޑިޑޭޓުންތަކެއް ވާދަ ކުރާތީ. އެހެންވީމާ މިއިންތިހާބު އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދިއުމަށް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާ ކެންޑިޑޭޓުންނަށް ތާއީދު ކުރާ ފަރާތްތަކުން އިންތިހާބުގައި އަމަލު ކުރަންޖެހޭ ސުލޫކީ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުމަށް އެދެން،" ހަބީބު ވިދާޅުވި އެވެ.
ހަބީބު އިތުރަށް ވިދާޅުވީ އިންތިހާބު އިންސާފުވެރިކަމާ ދެފުއްފެންނަ ގޮތަކަށް އިންތިހާބު ކުރިއަށް ގެންދިއުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ އޮބްޒާވަރުން ބައިވެރިވާނެ ކަމަށެވެ.