ވިއްސާރަ މޫސުމަކީ އެންމެ ލޯބިކުރާ މޫސުން ކަމަށާއި އެހެން ނަމަވެސް އެ މޫސުމުގެ ސަބަބުން އޭނާއަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބޮލީވުޑްގެ ތަރި ސަނީ ލިއޯން ބުނެފި އެވެ.

ސަނީ މިހެން ބުނެފައިވަނީ "މޮންސޫން" ތީމަށް އޭނާ ކުރި ފޮޓޯ ޝޫޓަކަށް ފަހު ވާހަކަ ދައްކަމުންނެވެ. އެ ފޮޓޯޝޫޓުގައި ސަނީ ފެންނަނީ ނިއޯން ފެހި ކުލައިގެ ހެދުމެއްގައި ފިޔާތޮށި ކުޑައެއް ހިފައިގެންނެވެ.

ސަނީ ބުނީ އެެންމެ ފުރަތަމަ ބޮލީވުޑަށް ވަންނަން ވެގެން އިންޑިއާއަށް އައިއިރު އެގައުމަށް އެހާ ވިއްސާރަވާނެ ކަމަށް ހިތަށް އަރާފައިނުވާ ކަމަށެވެ.

"ވާރޭ ވެހޭ އިރު ގޭތެރޭގައި އޮތުމަކީ ހިތަށް ހަމަޖެހުން ލިބޭ ކަމެއް. އެކަމަކު ވާރޭއަށް ނުކުންނާކަށް ބޭނުމެއް ނުވޭ" ސަނީ ބުންޏެވެ.

މީގެ އިތުރުން ސަނީ ވަނީ ވިއްސާރަ މޫސުމުގެ އުނދަގޫ ކަންކަން ވެސް ކިޔައިދީފަ އެވެ. އެގޮތުުން ވިއްސާރައިގައި އޭނާގެ ތިން ކާރަކަށް ގެއްލުން ލިބި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ސަނީ ބުންޏެވެ.

އޭގެ ތެރެއިން ދެ ކާރެއް ގެއްލުނީ އެއް ދުވަހުން ކަމަށާއި އެއް ކާރަކީ ވަރަށް ބޮޑު އަގެއް ދައްކައިގެން އިންޑިއާއަށް އެތެރެކުރި މާސަޑީޒް ކާރެއް ކަމަށް ވެސް ސަނީ ބުނެފައިވެ އެވެ.

އެހެން ކަމުން މިހާރު އޭނާ ބޭނުން ކުރަނީ އިންޑިއާގެ ވިއްސާރަ މޫސުމަށް ހާއްސަކޮށްގެން އެގައުމުގައި އުފައްދާފައިވާ ކާރެއް ކަމަށް ސަނީ ބުނެ އެވެ.