އިންތިހާބުތެރޭގައި ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅަން ހާއްސަ ޕޯޓަލްއެއް ގާއިމްކޮށްފި އެވެ.

އޭސީސީ އިން ވަނީ ރިޔާސީ އިންތިހާބާ ބެހޭ ރިޝްވަތުގެ މައްސަލަ ހުށަހަޅަން ހާއްސަ ޕޯޓަލް ގާއިމްކޮށްފަ އެވެ.

މި ޕޯޓަލް މެދުވެރިކޮށް އިންތިހާބީ ރިޝްވަތުގެ ކުށެއް ކުރާ ނަމަ ކޮންމެ މީހަކަށް ވެސް އެ މައްސަލަ ޕޯޓަލް މެދުވެރިކޮށް ހުށަހެޅިދާނެ އެވެ. ޕޯޓަލްއަށް ވަނުމުން އިންތިހާބީ ރިޝްވަތަކީ ކޮބައިކަމާއި އެއަށް ސަމާލުވާނެ ގޮތުގެ މައުލޫމާތު ހިމެނޭ ލުއި ފޮތް، "ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމުގެ އިރުޝާދުނާމާ" ލުއިފޮތް ވެސް ބަލައިލެވޭނެ އެވެ.

މި ޕޯޓަލް އަށް މައްސަލަ ހުށަހަޅާ ފަރާތަކީ ކާކުކަމެއް ނޭނގޭނެ ހެން އެ މީހެއްގެ ވަނަރަރު ސިއްރުކޮށްދެ އެވެ. އަދި ވިސިލް ބްލޯ ކުރާ ފަރާތްތަކަށް ކޮމިޝަނުން ރައްކާތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

އެ ލުއި ފޮތުގައި އޭސީސީ އިން ބުނެފައި ވަނީ ކެމްޕެއިން ދުވަސްވަރު ސަރުކާރުގެ ރަސްމީ ދަތުރެއްގެ ތެރެއިން ކެމްޕޭން ހަރަކާތް ހިންގިދާނެ ކަމަށެވެ. އެކަމަކު އެކަމަށް ހަރަދު ކުރަންވާނީ ކެމްޕެއިން ފައިސާ އިން ކަމަށް ބުނެފައިވެ އެވެ.

ރަސްމީ ދަތުރުގެ ބޭރުން ރަސްމީ ދަތުރުގެ ހަރަދަށް އެއްވެސް ހަރަދެއް އިތުރު ނުވާނެހެން ސިޔާސީ ހަރަކާތް ހިންގޭނެ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން މި ލުއި ފޮތުގައި ކެމްޕޭނު ކުރުމަށް ފައިސާއާއި އެހީ ހޯދުމާއި ހަރަދު ކުރުމުގައި އަމަލު ކުރަންވީ ގޮތްތަކާއި، ދައުލަތުގެ މުވައްޒަފުން ކެމްޕޭނުތަކުގައި ހަރަކާތްތެރިވުމުގައި އަމަލު ކުރަންވީ ގޮތްތަކާއި ދައުލަތުގެ މުދަލާއި ފައިސާ އަދި މަގާމު ކެމްޕޭނު ކުރުމުގައި ބޭނުން ނުކުރުން، ހިމެނޭހެން ވަކިވަކިން ތަފްސީލު ކޮށްދީފައިވެ އެވެ.