އަންނަ އަންގާރަ ދުވަހުން ފެށިގެން މާލެ ރައްޔިތުންނަށް ގޯތި ހަވާލުކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހު މިހެން ވިދާޅުވީ އެމަނިކުފާނު ކެމްޕޭން ދަތުރުފުޅުގައި ނ. ކުޑަފަރީއަށް މިއަދު ވަޑައިގެން ބޭއްވި އެރަށު ރައްޔިތުންނާ ދެއްކެވި ވާހަކަފުޅުގަ އެވެ. މާލެ ރައްޔިތުންނަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަން ކަމަށާއި އެކަން ހައްލު ކުރުމަށް ސަރުކާރުން މާލެ ރައްޔިތުންނަށް ގޯތި ދޭން ނިންމާ ހުރިހާ ކަމެއް ނިމެމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

މާލެ ރައްޔިތުންނަށް އެދަތިކަން ހައްލުކުރުމަށް ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ގޯތި ދޫކުރަންފަށަނެ ކަމަށް ރައީސް ވިދާޅުވި އެވެ. ސަރުކާރުން މިދިޔަ ފަސް އަހަރު ކުރި އެންމެ މުހިންމު މަސައްކަތަކީ ރައްޔިތުންނަށް ބޯހިޔާ ވަހިކަން ހޯދައިދިނުމަށް ކުރެވުނު މަސައްކަތްތައް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން މާލެ ރައްޔިތުންނަށް އަންނަ އަންގާރަ ދުވަހު ގޯތި ދޫކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހު ކެމްޕޭން ދަތުރުފުޅުގައި ނ. ކުޑަފަރީއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވަނީ.

ޕްލޭނަކީ އަންނަ އަންގާރަ ދުވަހު މާލެ ރައްޔިތުންނަށް ގޯތި ދޫކުރަން ފެށުން ކަމަށާ ކޮންމެ ދުވަހަކު ކޮންމެ ވެސް އާއިލާއަކަށް ގޯތި ދޭތަން ފެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ކުޑަފަރީގެ ރައްޔިތުންނަށް ވެސް ބޯހިޔާ ވަހިކަމާއި އެކު ގިނަ ވައުދު ތަކެއްވެވަޑައިގެންފަ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި 23088 މީހުންގެ ފަރާތުން، 15164 އެޕްލިކޭޝަން ހުށައަޅާފައިވެ އެވެ. ވަކިން ހުށަހެޅި މީހުންނާއި ޖޮއިންޓް ފޯމު ހުށަހެޅި މީހުންނާއެކު ލިސްޓްގައި ގޯތި ލިބޭ މީހުންގެ ތެރޭގައި 10314 މީހުން ހިމެނެ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން، 19857 މީހުން ހުށައެޅި، 12794 ފޯމު ވަނީ ޝަރުތުހަމަވެފަ އެވެ.