ވ. އާރަށު މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމުގެ ޖޫރިމަނާ އާގުޅޭ ބައިގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ހައިކޯޓުން ކުރި އަމުރު އިސްތިއުނާފް ނުކުރަން ދައުލަތުން ނިންމައިފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، 52 މިލިއަށް ރުފިޔާގެ ޖޫރިމަނާކޮށް ކޮށްފައިވާ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އެދިފައި ވަނީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. އެހެން ނަމަވެސް އިއްޔެ ހައިކޯޓުން އަމުރު ކޮށްފައި ވަނީ މި މައްސަލާގައި ހިމެނޭ ޖޫރިމަނާގެ ބައި ފަސްކުރުމަށެވެ. އަދި ހުކުމުގައި އޮތް ޖޫރިމަނާ ފަސްކުރި ނަމަވެސް ޔާމީންގެ ޖަލު ހައިކޯޓުން ފަސްކޮށެއް ނުދެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފައި ވަނީ އެ އަމުރު އިސްތިއުނާފް ނުކުރާނެ ކަމަށެވެ. އެއީ ޖޫރިމަނާ ފަސްކުރުމަށް ނެރެފައި ވަނީ ވަގުތީ އަމުރަކަށް ވާތީ ކަމަށެވެ.

ޔާމީންގެ އިސްތިއުނާފް މައްސަލައެއް އަންނަ ބުދަ ދުވަހަށް ވަނީ ތާވަލް ކޮށްފަ އެވެ. އެހެންވެ އިސްތިއުނާފީ މައްސަލައާ މެދު ގޮތެއް ނިންމުމުން، ވަގުތީ އަމުރު ވެސް ނިމުމަކަށް އަންނާނެ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

ރައީސް ޔާމީންގެ ޖަލު ހުކުމް ފަސްކުރަން އެމަނިކުފާނުގެ ވަކީލުން ހައިކޯޓުގައި އެދިވަޑައިގެންނެވީ މީގެ ކުރިން ވެސް ބައެއް މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރުން ފަސްކުރަން ހައިކޯޓުންނާއި އަދި ސުޕްރީމް ކޯޓުން ވެސް އަމުރު ކޮށްފައި އޮތުމުންނެވެ.

ހައިކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މީގެ ކުރިން ޖިނާއީ މައްސަލަތަކުގައި ކޮށްފައިވާ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރެފައިވީ ނަމަވެސް ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ރައީސް ޔާމީން މައްސަލައިގެ ޖިނާއީ މައްސަލަތަކުގައި ދަށު ކޯޓަކުން މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވާ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްނުކުރެވޭނެ ކަމީ މިހާރު އިސްތިގުރާރު ވެފައިވާ ހަމައެއް ކަމަށެވެ. މިއަށް އަމަލުކުރަން ނުޖެހޭ ފަދަ ގާނޫނީ ސަބަބެއް ނުވަތަ މިއާ ދުރަށް ދާންޖެހޭ ފަދަ ގާނޫނީ އުސޫލެއް ޔާމީންގެ ފަރާތުން ޝާރީއަތައް ބަޔަން ކޮށްދެވިފައި ނެތް ކަމަށް ވެސް ހައިކޯޓުގެ އަމުރުގައިވެ އެވެ.

ޔާމީންގެ މައްޗަށް އިއްވާފައި އޮތް ޖޫރިމަނާގެ ހުކުމް ފަސްކޮށް، ނަމަވެސް ޖަލު ހުކުމް ފަސް ނުކުރެވޭނެ ކަމަށް ނިންމީ ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ޙުކުމް ދެމިއޮތުމުގެ ސަބަބުންނާއި، އެ މައްސަލާގައި އިއްވާފައިވާ ޖޫރިމަނާ ފައިސާ ނުދައްކަވާ އޮތުމުގެ ސަބަބުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމެވުމުން، ރައީސް ޔާމީނަށް ވަނީ އެ ފުރުސަތު ގެއްލިފަ އެވެ.