އޮންލައިންކޮށް ކުރިއަށް ގެންދިޔަ ބިގް ބޮސް އޯޓީޓީގެ ސީޒަން 2، ކާމިޔާބު ޔޫޓިއުބާ އެލްވިޝް ޔާދަވް ކާމިޔާބުކޮށް ޓްރޮފީ އުފުލާލައިފި އެވެ.
މިދިޔަ ހޯމަ ދުވަހު އޮތް ސީޒަން ފިނާލޭގައި އެލްވިޝްއަށް ބިގް ބޮސްގެ ޓްރޮފީ ލިބުނީ ދެވަނަ ލިބުނު އަބީޝޭކް މަލްހާންއާ ވާދަކޮށްގެންނެވެ.
މިއަހަރުގެ ޓްރޮފީ ކާމިޔާބު ކުރުމާއެކު އެލްވިޝް ވެފައިވަނީ ވައިލްޑް ކާޑް މެދުވެރިކޮށް ޝޯއަށް ވަދެ ޝޯގެ ޓްރޮފީ އުފުލާލި އެންމެ ފުރަތަަމަ ބައިވެރިޔާ އަށެވެ.
އެގޮތުން ޝޯ ފެށުނީއްސުރެ ބައިވެރިއެއްގެ ގޮތުގައި އަބީޝޭކް ވާދަކުރިއިރު އެލްވިޝް ޝޯއަށް ވަދެފައިވަނީ އޭގެ ހަތަރު ހަފްތާ ފަހުން ވައިލްޑް ކާޑް ކޮންޓަސްޓެންޓެއްގެ ގޮތުގަ އެވެ.
ޔޫޓިއުބް ޗެނަލެއް ހިންގަމުން އަންނަ އެލްވިޝް ޝޯގެ ތެރެއިން ފާހަގަ ވެފައިވަނީ އެހެން ބައިވެރިންނާ ގުޅިގެން އުޅޭ އެކުވެރި ބައިވެރިއެއްގެ ގޮތުގަ އެވެ.
އެލްވިޝް ބިގްބޮސް ޓްރޮފީ ކާމިޔާބު ކުރުމާއެކު މީގެ ކުރިން އެ ޝޯގައި ބައިވެރިވެ ރަންވަނަތައް ހޯދާފައިވާ ފަރާތްތަކުން އަންނަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.