މަނީ ލޯންޑްރިން އާއި ކުށް ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮންނަވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި، ނަމަވެސް އެ މައްސަލައިގެ ޝަރީއަތަށް އެއްވެސް ނުފޫޒެއް ނުވަތަ "އަތް ބާނަން" ބޭނުންވެވަޑައިނުގަންނަވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް ސޯލިހާއި އެ މަނިކުފާނުގެ ކޯލިޝަން ޕާޓްނަރުން މިހާރު ގެންދަވަނީ އއ. އަތޮޅުގެ ރަށްތަކަށް ޒިޔާރާތްކުރައްވަމުންނެވެ.

އެ ދަތުރުފުޅުގައި އެއަތޮޅު ރަސްދޫ އަށް ވަޑައިގެން ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް ޔާމީން ޖަލުގައި އިންނަވަން ޖެހިވަޑައިގަތުން ކަމަށެވެ. ރައީސް ޔާމީން ޖަލުގައި އިންނަވަން ޖެހިވަޑައިގަންނަވާތީ އެކަމާ އެންމެން ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ރައީސް ޔާމީންގެ ކުރީގެ ޝަރީއަތްތައް ދިޔަ ގޮތް. އޭރު ކޯޓުތައް ބަރާބަރު. ސުޕްރީމް ކޯޓުން ގޮސް ނިމުނީމަ އެއަށް ވުރެ ބަރާބަރު ކޯޓެއް ނެތް. އެކަމަކު މިއަދު އޭގެ އަނެއްކޮޅު. އެ ދުވަހު ވެސް އަޅުގަނޑުމެން އެއްޗެއް ނުބުނަން. މިނިވަން ކަމާ އެކީގައި ޝަރީއަތް ހިންގުމުގެ ބާރު އޮތީ ދޫކޮށްލާފައި،" ރައްޔިތުންގެ މަޖިލިހާއި އެންޓި ކޮރަޕްޝަން (އޭސީސީ) އާއި އޮޑިޓަ ޖެނެރަލް އޮފީސް ފަދަ ތަންތަން ވެސް އޮތީ މިނިވަންކޮށް ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ކެމްޕޭން ދަތުރުފުޅުގައި އއ. ރަސްދުއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވަނީ. ފޮޓޯ: އެމްޑީޕީ

އެ މަނިކުފާނު ވިދާޅުވީ ޝަރީއަތެއްގެ ތެރޭގައި އޮއްވައި އެއާ މެދުގައި ގޮތެއް ނިންމުމުގެ ބާރެއް ރައީސަށް ނޯންނަ ކަމަށެވެ.

"ޝަރުއީ ހުރިހާ މަރުހަލާއެއް ނިމުނީމަ ދެން އޮންނަ ގާނޫނީ އިމުގެ ތެރެއިން ކޮށްދެވެން އޮތް ކަމެއް ކޮށްދިނުމުގެ އިހްތިޔާރު އަޅުގަނޑަށް އޮންނަނީ،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިދިކޮޅުން އަބަދުވެސް ދައްކަނީ ކޮންމެވެސް މީހަކު ޖަލަށްލާ ވާހަކަ ކަމަށެވެ. އަދި ތިމަންނަމެން ވެރިކަމަށް އައީ ވިއްޔާ މިވެނި މީހަކު އޮންނާނީ ޖަލުގައޭ އަބަދުވެސް ބުނަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުމެންގެ ނެތޭ އެ ވިސްނުމެއް. އެހެންވީމާ އެ ހުރިހާ ބޭފުޅުން ވެސް ވިސްނާވަޑައިގަންނަވަން ވާނެ، އޭގެ ތެރެއަށް އަތްބާނައި ނުފޫޒު ފޯރުވުމަށް އަޅުގަނޑަށް މަޖުބޫރު ނުކުރުވުމަށް. އަޅުގަނޑެއް އެ ކަމެއް ނުކުރާނަން،" ޔާމީން މިނިވަން ކުރަން ޖެހޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވަމުން ގެންދަވާތީ އެ ކަމަށް ނުސީދާ ގޮތެއްގައި ރައްދު ދެއްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުގައި ކޮންމެ މީހަކު ވެސް ޖަލަށް ހުކުމްކުރާނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ކިތަންމެ ވަރަކަށް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރި ނަމަވެސް، އެއީ އެ މަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ވައްކަމުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލާގައި އިއްވާފައިވާ ޖަލު ހުކުމާއި ޖޫރިމަނާއާ ގުޅިގެން، މި ފަހަރުގެ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވުމުގެ ފުރުސަތު ޔާމީންއަށް ވަނީ ގެއްލިފަ އެވެ. އެހެންވެ، އެ މަނިކުފާނުގެ ބަދަލުގައި އެ ކޯލިޝަންގެ ފަރާތުން ވާދަކުރައްވަނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.