މީގެ ކުރިން ރަށްރަށުގެ ނުހިންގާވަރުގެ ބޮޑެތި މަޝްރޫއުތައް މިސަރުކާރުން ހިންގާފައިވާ ކަމަށާ އެމްޑީޕީން ވައުދުވަނީ ވައުދު ފުއްދޭތީ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކެމްޕެއިން ދަތުރުފުޅަށް ރައީސް ގެންދަވަނީ އއ. އަތޮޅަށް ޒިޔާރަތް ކުރައްވަމުންނެވެ. އެގޮތުން އއ. ތޮއްޑޫއަށް ވަޑައިގެން ރައީސް ވިދާޅުވީ މިސަރުކާރުން ވަނީ މީގެ ކުރިން އެހެން އެއްވެސް ސަރުކާރަކުން ނުހިންގާވަރުގެ ބޮޑެތި މަޝްރޫއުތައް ހިންގާފައި ކަމަށެވެ. އިތުރު ދައުރެއް ލިބިވަޑައިގެންފި ނަމަ ރާއްޖޭގެ ރަށްތައް މިއަށްވުރެވެސް ތަރައްގީ ވާނެ ކަމަށާ ތަރައްގީގެ ދުވެލި އިތުރަށް ހަލިވިވެގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއިން ޒަމާނަކު ރާއްޖޭގެ ރަށްރަށުގައި ނުހިންގާ ވަރުގެ ބޮޑެތި މަޝްރޫއުތައް ހިނގަމުން މި ދަނީ. އަޅުގަނޑުމެން ވައުދު ވަނީ ވައުދު ފުއްދަން،" ރައީސް ވިދާޅުވި އެވެ.

ކެމްޕެއިން ދަތުރުފުޅުގައި އއ ދޮއްޑޫ އަށް ރައީސް ޞަލިހު ވަޑައިގެންނެވި ވަގުތު ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ދަންނަވަން ރަށުގެ ބަނދަރުމަތީގައި.

ރައީސް ވިދާޅުވީ ރަށްރަށުގެ އަސާސީ ހިދުމަތްތައް ފޯރު ކޮށްދިނުމާއި ކައުންސިލްތަކާއި އަންހެނުން ބާރުވެރި ކުރުވުމާއި ރަށްރަށުގެ ތަރައްގީ މަސައްކަތް ކުރެވޭނެ މަގު ކައުންސިލްތަކަށް ފަހި ކޮށްދީފައިވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކާ އެކު ކުރިއަށް ދެވޭނީ ރައްޔިތުންގެ ނިންމުމާ އެކު ކަމަށެވެ. ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ގޮތެއް ނިންމާއިރު މާޒީއަށް ވިސްނުމަށްފަހު ގޮތެއް ނިންމުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. ރައްޔިތުން ދާން ބޭނުންވަނީ މާޒީގެ އަނިޔާވެރިކަމަށްތޯ ނުވަތަ ތަރައްގީއާއި އެކު ތޯ ނިންމެވުމަށް ރައީސް ވިދާޅުވި އެވެ.