ކުރިއަށް އޮތް ފަސްވަރަކަށް ދުވަސްތެރޭ އއ. ބޮޑުފުޅަދޫ ބިންހިއްކުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞަލިހު މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ބޮޑުފުޅަދުއަށް މިއަދު ވަޑައިގެން ވިދާޅުވީ ބޮޑު ފުޅަދޫގެ ތަރައްގީއަށްވެސް ކުރަންޖެހޭ ބޮޑެތި މަސައްކަތްތަކެއް އެބަހުރި ކަމަށެވެ.

ރައީސް ވިދާޅުވީ އެމްޑީޕީ އިން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދިނުމަށް ކަމަށެވެ. އެގޮތުން އެމްޑީޕީގެ މެނިފެސްޓޯ ތައްޔާރު ކޮށްފައިވާނީ ރައްޔިތުންގެ ގާތަސް ގޮސް ރައްޔިތުންގެ ހިޔާލާ މަޝްވަރާގެ މަތީން ކަމަށެވެ.

ކެމްޕެއިނަށް ރައީސް އއ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން

ބޮޑުފުޅަދޫގެ ތަރައްގީއަށްވެސް ބޭނުންވާ ކަންކަން ހުރިކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ރަށުގެ ބިންހިއްކުމުގެ މަސައްކަތް ފެށުން ކަމަށެވެ. ކައުންސިލާއެކު މީގެ ކުރިން ބޭއްވި ބައްދަލުވުމުގައިވެސް ކައުންސިލުންވެސް ފަހަގަ ކޮށްފައިވަނީ އެކަންތައް ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވީމާ ކުރިއަށް އޮތް ފަސް ވަރަކަށް ދުވަސް ތެރޭ ބޮޑުފުޅަދޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށަނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިހާރު އެއޮތީ އުކުޅަހުގަ ބިން ހިއްކުމުގެ މަސައްކަތް އެދަނީ، އަސްލު ޕްލެނާ އޮތްގޮތަށް ދިޔަ ނަމަ މިހާރު އޮންނާނީ އުކުޅަސް ނިމިފަ އެކަމަކު ކުރިއަށް އޮތް ހަތަރު ފަސް ދުވަހުގެ ތެރޭގައި މިރަށަށް ކޮންނަ ބޯޓު އައިސް މިރަށަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށޭނެ،" ރައީސް ވިދާލުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އަންނަ ދައުރުގައި ބޮޑުފުޅަދޫގެ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތާއި ރޯހައުސް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދައުރު ތެރޭގައި މިރަށުގެ ބަނދަރު ބޮޑުކޮށް ޒަމާނީ ފެންވަރަށް ތައްޔާރުކޮށް ރައްޔިތުންނަށް ބޭނުންވާ ރޯ ހައުސް އަޅުގަނޑުމެން މިރަށުގަ އަޅައިދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރަށުގެ ފެންބޮޑުވާ މަގުތަކުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް އެމަގުތައް ހަދައިދޭނެ ކަމަށެވެ އަދި ކައުންސިލް އިދާރާޔާ ކޯޓާ ފުލުހުންގެ ހިދުމަތް ދިނުމަށް އޮފީސް ކޮމްޕްލެކްސް އެއް ގާއިމް ކޮށްދޭނެ ކަމަށްވެސް ވިދާޅުވި އެވެ.