ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ)bއިން އާންމުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ޝަކުވާތަކާއި، ރީ-ރަޖިސްޓްރޭޝަންގެ މަރުހަލާތަކަށް ފަހު ފައިނަލް ލިސްޓް އާންމު ކޮށްފައިވާއިރު މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބެނީ 282،395 މީހުންނަށެވެ. އަދި މިފަހަރުގެ އިންތިހާބުގައި އަލަށް 27000 އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ، ފައިނަލް ލިސްޓު، ސަރުކާރުގެ ގެޒެޓްގައި، އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ވަނީ އާންމު ކުރައްވައިފަ އެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ކޮންމެ މީހަކު ވެސް ވޯޓުލާން ރަޖިސްޓަރީވެފައި އޮތީ ކޮންތާކުތޯ، ދުރާލައި ބެއްލެވުމަށް އިލްތިމާސް ކުރައްވަައިފަ އެވެ. ވޯޓުލާ މީހުންގެ ލިސްޓު ޗެކް ކުރެއްވުމަށް 1414 VR(space) ID އަށް ފޮނުވުމުން ޗެކްކޮށްލެވޭނެ އެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށްޓަކައި 574 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. މާލެ ސަރަހައްދުގައި އެކަނިވެސް 176 ފޮށި ބަހައްޓަން ނިންމާފައި ވާއިރު ރާއްޖޭން ބޭރުގެ ފަސް ގައުމެއްގައި އަށް ފޮށި ބަހައްޓާނެ އެވެ.

އިންތިހާބުގައި އަށް ކެންޑިޑޭޓަކު ވާދަކުރައްވާއިރު މިއީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ރިޔާސީ އިންތިހާބެއްގައި ވާދަކުރާ ފަހަރެވެ. އޭގެ ތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީތަކުން ނެރޭ ފަސް ކެންޑިޑޭޓެއްގެ އިތުރުން، އަމިއްލަ ގޮތުން ވާދަކުރައްވާ ތިން ކެންޑިޑޭޓެކެވެ.