ރާއްޖޭގެ މަޝްހޫރު ފިލްމު ޕްރޮޑަކްޝަން ހައުސް ޑާކް ރެއިން އެންޓަޓައިންމަންޓުގެ ކުރިއަށް އޮތް ފިލުމު 'ފުރޭތަ" އޮލިމްޕަހުގައި ރިލީޒް ކުރާ ތާރީހު ފަސްކޮށްފި އެވެ.
ޑާކް ރެއިން ބުނީ މިހާރު "ފުރޭތަ" އޮލިމްޕަހުގައި ރިލީޒްކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ އަށް ވަނަ ދުވަހު ކަމަށެވެ. ކުރިން މިފިލްމު ރިލީޒް ކުރުމަށް ނިންމާފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެހެންނަމަވެސް އެތާރީހުގައި މިހާރު އޮލިމްޕަހުގައި ރިލީޒް ކުރުމަށް ނިންމާފައިވަނީ ޑާކް ރެއިންގެ "ނޮވެމްބަރ" އެވެ.
"ފުރޭތަ" ރިލީޒްކުރާ ތާރީހު ފަސްކޮށްފައިވާއިރު މިފިލްމުގެ ރަސްމީ ޓްރެއިލާ ޖުލައި 17 ގައި ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ.
މި މި ފިލްމަކީ އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ. ޗިއްޕެ އެންމެ ފަހުން ގެނެސްދިން ފިލްމަކީ މި އަހަރުގެ މާޗްގައި މީޑިއާ ނެޓުން ޕްރީމިއާކުރި "ހިނދުކޮޅެއް" އެވެ.
"ފުރޭތަ" ގެ ކާސްޓްގައި ޝަރަފު އަބްދުﷲ، ރަވީ ފާރޫގް، މުހައްމަދު މަނިކު، އަހުމަދު ސައީދު، އަހުމަދު ރިފްޝާން، އަހުމަދު ނާޝިތު، އަލީ ނަދީހު، އައިމިނަތު އަސީލާ އަދި އާދަމް ރިޒްވީ ހިމެނެ އެވެ.
ޑާކްރެއިނުން ބުނީ މި ފިލްމަކީ 18 އަހަރުން މަތީގެ މީހުންނަށް ތައްޔާރު ކޮށްފައިވާ ފިލްމެއް ކަމަށާއި މި ފިލްމަކީ ރިވެންޖް ތްރިލާ އެއް ކަމަށެވެ.
ޑާކް ރެއިނުން "ފުރޭތަ" ގެ މަސައްކަތްކުރާތާ ދުވަސްކޮޅެއްވެފައިވާ އިރު، މި ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް މީހާތަނަށް ހާމަކޮށްފައެއް އެވެ.
ޑާކް ރެއިނުން މި އަހަރު ބެލުންތެރިންނަށް ގެނެސްދިން ފުރަތަމަ ފިލްމަކީ ފެބްރުއަރީގައި އެޅުވި "ބީވީމާ" އެވެ.