ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ތާއީދު ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގުޅުއްވާ ކަމަށާއި ނަމަވެސް ދެވަނަ ބުރެއްގައި ވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ފަހަތަށް އަރާވަޑައިނުގަންނަވާނެ ކަމަށް އެޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެމްޕެއިނަށް ނ. ވެލިދޫއަށް ވަދައިގެން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއްގައި ޑީމޮކްރެޓްސްގެ ތާއީދު ހޯދުމަށް ރައީސް ސޯލިހު އެމަނިކުފާނަށް ގުޅުއްވާ ކަމަށެވެ. ދެވަނަ ބުރެއްގައި ވެސް ރައީސް ސޯލިހުއަށް ތާއީދު ނުކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެކި ބޭފުޅުންލައްވާ އެމަނިކުފާނަށް ރައީސް ސޯލިހު ގުޅުއްވާ ކަމަށެވެ. ނަމަވެސް ދެވަނަ ބުރެއްގައި ވެސް ރައީސް ސޯލިހުއަށް ތާއިދު ނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

"އެކިއެކި ބޭފުޅުން ލައްވާ އަޅުގަނޑުމެންނަށް ގުޅުއްވޭތޯ އެބަ ބައްލަވާ. ދެވަނަ ބުރެއްގައި ވެެސް އަޅުގަނޑުމެން ނުދާނަން ރައީސް ސޯލިހުއާ އެކުގައެއް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރައީސް ސޯލިހުއަށް ރައްޔިތުންގެ ތާއީދެއް މިހާރަކު ނެތް ކަމަށެވެ. އަދި ދެވަނަ ބުރަށް ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް ދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވި އެވެ.

2018 ވަނަ އަހަރު ކޯލިޝަނަކާއި އެކު އެމްޑިޕީ ވެރިކަމަށް އައި އިރު ދައުރުގެ މެދުތެރެއިން އިންތިހާބެއް ބާއްވަން އެއްބަސްވެފައިވީ ނަމަވެސް ފަހުން ރައީސް ސޯލިހު ރަގު ބަދަލުވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެން ނަމަވެސް ނަޝީދު ވިދާޅުވީ އެކަކަށް ދެ ދައުރު ދިނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. ސަބަބަކީ ދެވަނަ ދައުރެއް ދީފިނަމަ ވެރިކަމުގައި މާބޮޑަށް ހުންނަ ހިތްވެ، މޫ ލާ ގޮތް ވާނެ ކަމަށެވެ.