އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓުގައި މާދަމާއިން ފެށިގެން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ސޮއިކުރަން ފުރުސަތު ހުޅުވާލައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 282،395 މީހުންނަށެވެ. މިފަހަރުގެ އިންތިޚާބުގައި އަލަށް 27،000އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓާސް ލިސްޓަށް ދެން ބަދަލު ނުގެނެވޭނެ ކަމަށެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ވޯޓާސް ލިސްޓުގައި އިލެކްޝަންސް ކޮމިޝަނުން މިހާރު ސޮއި ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތް މިރޭގެ ނިޔަލަށް ނިންމާލުމަށްފަހު މާދަމާއިން ފެށިގެން ކެންޑިޑޭޓުން ލިސްޓުގައި ސޮއިކުރުމަށް ފުރުސަތު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކެންޑިޑޭޓުންނަށް ލިސްޓުގައި ސޮއިކުރައްވަން ވަޑައިނުގެންނެވޭނަމަ، ކެންޑިޑޭޓެއްގެ ސިޓީއަކާއެކު ހުށަހެޅުއްވުމުން އެކެންޑިޑޭޓެއްގެ ފަރާތުން ހުށަހަޅުއްވާ މަންދޫބުންނަށް ސޮއިކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށް ހަބީބް ވިދާޅުވި އެވެ. އަދި ކެންޑިޑޭޓުންނަށް ލިސްޓުގައި ސޮއިކުރުމަށް ފުރުސަތު ދޭނީ މާދަމާއިން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރަން ފެށީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ހިނގާދިޔަ ކަންތައްތަކަށްފަހު އެ އަހަރު ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިނެއްގެ ދަށުންނެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރެ އެވެ. މީގެ ތެރޭގައި އަމިއްލަ ގޮތުން ވާދަކުރައްވާ ތިން ކެންޑިޑޭޓުން ވެސް ހިމެނެ އެވެ.
ރާއްޖޭގެ ގާނޫނު އަސާސީއަށް ބަދަލު ގެނެސް މަލްޓި ޕާޓީ ސިސްޓަމް ތައާރަފުކުރި ފަހުން މިއީ އެންމެ ގިނަ ކެންޑިޑޭޓުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަކުރައްވާ ފަހަރެވެ. ފެހި ގާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވީ 6 ކެންޑިޑޭޓުންނެވެ. ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރޭގައި ސިޔާސީ ޕާޓީގެ ޓިކެޓްގައި ރިޔާސީ ރޭހަށް ނިކުމެވަޑައިގަތް 5 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރައްވާ 3 ކެންޑިޑޭޓުން ހިމެނެ ނެވެ.
ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި 574 ވޯޓުލާ މަރުކަޒު ހުންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. މިއީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ވޯޓު ފޮށި ބަހައްޓާ އިންތިޚާބެވެ.