ދިވެހި ވިޔަފާރިތަކަށް އެހެން ގައުމުތަކުގައި ހިންގާ މަޝްރޫއުތަކުގައި ބައިވެރިވުމަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމަށް އެކްސްޕޯޓް-އިމްޕޯޓް (އެގްޒިމް) ފައިނޭންސް ލިބޭނެ ގޮތް މަގުފަހިކޮށްދޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ "އިގްތިސޯދީ ބޮޑު ބަދަލު" މެނިފެސްޓޯގައި ހިމަނައިފި އެވެ.

މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ އެންމެ ފަހު ސިޔާސަތު ކަމަށްވާ "އިގްތިސޯދީ ބޮޑު ބަދަލު" ސިޔާސަތު އިފްތިތާހްކޮށްފަ އެވެ.

އެސިޔާސަތު ބަހާލަފައިވަނީ ހަތަރު ބަޔަކަށެވެ. އެސިޔާސަތުގެ ތެރޭގައި ހިމަނާފައިވާ "ރާއްޖޭގެ އިގްތިސޯދު އަސްދަނޑީން ބޭރަށް" މިބައިގައި ހިމަނާފައި ވަނީ ދިވެހި ވިޔަފާރިތަކަށް އެހެން ގައުމުތަކުގައި ހިންގާ ޕްރޮޖެކްޓްތަކުގައި ބައިވެރިވުމަށް ބޭނުންވާ ފައިނޭންސް ފޯރުކޮށްދިނުމަށް އެކްސްޕޯޓް-އިމްޕޯޓް (އެގްޒިމް) ފައިނޭންސް ލިބޭނެ ގޮތް މަގުފަހިކޮށްދޭނެ ކަމަށް ބުނެފަ އެވެ. އަދި މިއާއެކު، ދިވެހި ވިޔަފާރިތަކަށް އެހެން ގައުމުތަކުގައި ހިންގާ ޕްރޮޖެކްޓްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަސް އެ ސިޔާސަތުގައިވެ އެވެ.

އެމްޑީޕީގެ "އިގްތިސޯދީ ބޮޑު ބަދަލު" ސިޔާސަތު އިފްތިތާހް ކުރުމަށް މިރޭ ބޭއްވި ޖަލްސާގެ ތެރެއިން

ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ހިއްސާތަކާއި ރާއްޖޭގެ އެހެނިހެން ސްޓްރެޓީޖިކް އެސެޓްތައް، ދެމެހެއްޓެނިވި ގޮތެއްގައި އޭގެން މަންފާ ކުރާނެ ގޮތަށް ނިޒާމު ބަދަލުކުރާނެ ކަމަށްވެސް ހިމަނާފައިވެ އެވެ. އެގޮތުން އިންވެސްޓްމަންޓް ހޯލްޑިންގ ކޮމްޕެނީ މޮޑެލް ގެ ދަށުން ނެޝެނަލް އިންވެސްޓްމަންޓް ފަންޑެއް ގާއިމުކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި އިންވެސްޓްކޮށް ނަފާ ހޯދުމަށް ހިމަނާފައިވެ އެވެ. އަދި އެ މޮޑެލްގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ފައިދާ އިތުރުކޮށް، އައު އިންވެސްޓްމަންޓްތަކަށް ބޭރުގެ އިންސްޓިޓިއުޝަނަލް ކެޕިޓަލް ރާއްޖެއަށް ހޯދާނެ ކަމަށްވެސް އެސިޔާސަތުގައި ބުނެފައިވެ އެވެ.

އެމްޑީޕީގެ "އިގްތިސޯދީ ބޮޑު ބަދަލު" ސިޔާސަތު އިފްތިތާހް ކުރުމަށް މިރޭ ބޭއްވި ޖަލްސާގެ ތެރެއިން

މީގެ އިތުރަށް ރާއްޖޭގެ އައިސީޓީ ދާއިރާގެ ހުނަރުވެރިންނާއި އެހެނިހެން އުފެއްދުންތެރިން ރާއްޖޭގައި ތިބެގެން އެފަރާތްތަކުގެ އުފެއްދުންތެރިކަން ބޭރުގެ ބާޒާރަށްނެރެ، މާކެޓްކޮށް، ކުރިއެރުވޭނެ ވަސީލަތްތަކާއި ނެޓްވޯކް ގާއިމުކުރާނެ އެވެ. ސަރަހައްދީ އަދި ބައިނަލްއަގުވާމީ ވިޔަފާރީގެ ޖަމިއްޔާތަކުގައި ބައިވެރިވެ، ދިވެހި ވިޔަފާރިތަކަށް ބޭރުގެ މާކެޓްތަކަށް ވަނުމުގެ ފުރުސަތު ފަހިކޮށްދީ، ވިޔަފާރިތައް ރާއްޖެއިން ބޭރުގައި ފުޅާކުރުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަސްވެސް އެމްޑީޕީގެ މިސިޔާސަތުގައި ހިމަނާފައިވެ އެވެ.