މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ތަކުރާރުކޮށް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އިގްތިޞާދީ މެނިފެސްޓޯ އިއުލާން ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބައެއް ޕާޓީތަކުން މަސައްކަތް ކުރަނީ ދެވަނަ ބުރަކަށް އިންތިހާބު ގެންގޮސްގެން ކޯލިޝަނެއް ހެދުމަށް ކަމަށެވެ. ނަމަވެސް އެ ފުރުސަތު ނުދީ އެއްބުރުން އިންތިހާބު ކާމިޔާބުކޮށްދިނުމަށް ރައީސް ވަނީ އެމަނިކުފާނުގެ ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

"ނަމަނަމަ އެ ފުރުސަތު ނުދެއްވައްޗޭ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިކަން ނިންމާނީ އެއް ބުރުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ ކޮވިޑްގެ ދަތި ހާލަތުން އަރައިގަތުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތައް ތަކުރާރުކޮށް ވިދާޅުވެދެއްވާފަ އެވެ.

ރައީސް ވިދާޅުވީ އެ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ގައުމުތަކުން ވެސް ރާއްޖެ ނަމޫނާއަކަށް ބަލަން ފަށާފައިވާ ކަމަށެވެ.

"އިގްތިސޯދު ހިނގައިގަނެފި. ރާއްޖެއަށް ޓޫރިސްޓުން އަންނަން ފަށައިފި. ރާއްޖެ މިސާލަކަށް ދުނިޔެއިން ބަލަން ފަށައިފި އެދުވަހު އެޅި ފިޔަވަޅުތަކުގެ ސަބަބުން," ރައީސް ވިދާޅުވި އެވެ.

ކޮވިޑްގެ ދުވަސްވަރު ބައެއް ވިޔަފާރިވެރިން މުވައްޒަފުންނަށް 1000 ރުފިޔާ ވެސް ދިން ކަމަށާއި އެފަދަ މުވައްޒަފުންނަށް އެހީތެރިވީ ސަރުކާރުން ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރިޔާސީ އިންތިހާބު ކައިރިވިއިރު، އިންތިހާބުގައި ވާދަކުރާނެހެން ހީވާ މީހުން ތިބީ ޖަލަށްލާފައި ކަމަށާއި ނަމަވެސް މިފަހަރުގެ އިންތިހާބުގައި ވާދަކުރަން ބޭނުންވި ކޮންމެ މީހަކަށް އެ ފުރުސަތު އޮތްކަން ކުރިމަތިލި ކެންޑިޑޭޓުންގެ އަދަދުން ވެސް ހާމަވި ކަމަށެވެ.