ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ހައުސިން މިނިސްޓްރީއަށް ހަދައިދެވޭ ގޮތަށް، "ބަންޑާރަ ގޯއްޗާއި އަމިއްލަ ގޯތި އަދި އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓްރީ ކުރުމުގެ ގަވައިދަ"ށް އިސްލާހު ގެނެސް ގަވާއިދު ރޭ ގެޒެޓުކޮށްފި އެވެ.
ހައުސިން މިނިސްޓްރީއަށް ގޯތި ރަޖިސްޓްރީ ހަދައިދެވޭ ގޮތަށް ގަވައިދަށް އިސްލާހު ގެނެސްފައި މިވަނީ މި ސަރުކާރުން ކުރިއަށް ގެންދާ ބިންވެރިޔާ ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރު ފަޅުން ބިން ދޫކޮށްފައިވާ ވަގުތެއްގަ އެވެ. ކުރިން މިގަވައިދުގެ ދަށުން ގޯތީގެ ރަޖިސްޓްރީ ހަދައިދެވޭނީ ސިޓީ ކައުންސިލާއި ރަށު ކައުންސިލުތަކަށެވެ.
ހައުސިން މިނިސްޓްރީން އިން "ބަންޑާރަ ގޯއްޗާއި އަމިއްލަ ގޯއްޗާއި އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީ ކުރުމާބެހޭ ގަވާއިދު" އަށް ގެނެސްފައިވާ އިސްލާހުގެ ތެރެއިން ސަރުކާރުން ބޯހިޔާވަހިކަން ދިނުމަށް ހިންގާ ޕްރޮޖެކްޓެއްގެ ދަށުން ދޫކުރަންޖެހޭ ގޯތީގެ ރަޖިސްޓްރީ ސަރުކާރުން ކަނޑައަޅާ އިދާރާއަކަށް ދެވޭނެ ގޮތަށް ވަނީ ހަދާފަ އެވެ.
މިގޮތުން ރެޖިސްޓްރީ ދޫކުރެވޭނީ، ސިޓީއެއްގައި ނަމ،ަ އެ ސިޓީއެއްގެ ސިޓީ ކައުންސިލުގައި ނުވަތަ އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއެއްގައ،ި ނުވަތަ ސަރުކާރުން ވަކި ސަރަޙައްދެއް ތަރައްގީކުރުމަށް ކުރިޔަށްގެންދާ ގޯތި ދިނުމުގެ މަޝްރޫއުތަކުގެ ދަށުން ގޯތި ދޫކުރުމަށް ސަރުކާރުން ކަނޑައަޅާ އިދާރާއެއްގައި ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި, ބޯހިޔާވަހިކަމުގެ އެފަދަ ޕްރޮޖެކްޓެއްގެ ދަށުން ގޯތި ދޫކުރާއިރު ގޯތީގެ ދާއިމީ ރަޖިސްޓްރީ އެމީހަކަށް ދޫކުރަންވާނެ ކަމަށް ވެސް އާ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.
އާ އިސްލާހުގެ ދަށުން ގޯތި ދޫކުރާއިރު، ނުހިއްކާ ނުވަތަ އިން ނުކަނޑާ އޮތް ތަނަކުން ވެސް ގޯތި ދޫކުރެވިދާނެ އެވެ. އެފަދަ ތަނަކުން ގޯއްޗެއް ދުކުރާ ނަމަ އެކަން އަންގައިދޭ ލިޔުމެއް ސަރުކާރުން ދޫކުރަންޖެހެ އެވެ.
މިގަވާއިދު ގެޒެޓް ކުރެވޭ ތާރީހުން ފެށިގެން މިއަށް އަމަލުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ އިރު، ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ ގޯތިތަކުގެ ގުރުއަތުލުން ނިމިފައިވީނަމަވެސް، އަދިވެސް އެގޯތިތައް ލިބުނު ފަރާތްތަކަށް ގޯތި ހަވާލުކުރަން ފެށިފައެއް ނުވެ އެވެ.
ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ތެރެއިން 18995 ފަރާތަކަށް 9003 ގޯތި މާލޭ ސަރަހައްދުން ދޫކުރެވިގެން ދާނެ އެވެ. މިގޯތިތަށް ދޫކުރެވޭނީ ހުޅުމާލެ ފޭސް 2، ފޭޭސް 3، ގުޅިފަޅު އަދި ގިރާވަރު ފަޅުންނެވެ.