ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަކަށް ހިނގައްޖެ ނަމަ ގައުމު ހަލަބޮލި ވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ކިނބިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ނުގޮސް އެއްބުރުން އިންތިހާބު ކާމިޔާބު ކުރަން ޖެހޭ ކަމަށެވެ.

ކިނބިދޫ ރައްޔިތުން ވެސް ސިޔާސީ ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް އެމަނިކުފާނަށް ވޯޓު ދެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

" ދެވަނަ ބުރަކަށް ގޮސް އަނެއްކާވެސް ބޮޑު ހަލަބޮލި ކަމަކަށް މި ރާއްޖެ ގޮސްދާނެ. އެ ފުރުސަތު ނުދެއްވުން އެއީ ވިސްނަން ޖެހޭ ކަމެއް. އެ އަށް އެނބުރި ގޮއްސިއްޔާ ދެން ވެދާނެ ގޮތް ހީވެސް ނުކުރާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އަރާ ކޮންމެ ރަށަކުން ވެސް އެމަނިކުފާނަށް އިންތިހާބު އެއްބުރުން ކާމިޔާބުވާތަން ފެންނަމުންދާ ކަމަށެވެ.

ރައްޔިތުންނަށް އުފާވެރި އަމާން ރާއްޖެއެއް ހޯދައިދިނުމަށް މިކުރާ މަސައްކަތް ކާމިޔާބު ވަމުން ދާތަން ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.