ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ އަމާޒަކީ 2028 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓަކީ އަރަނި ބަޖެޓަކަށް ހެދުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިހާރު ތ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި އެއަތޮޅު ގާދިއްފުށީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން ވައުދު ވާއިރު ދައުލަތަށް ފައިސާ އިތުރަށް ހޯދޭނެ ގޮތްތައް ހޯދަން ޖެހޭ ކަމަށާއި ރާއްޖެ އަންނަ އިގްތިސާދީ ބޮޑު ބަދަލުގެ ސަބަބުން އެކަން ހާސިލްވާ ތަން ފެންނަ ކަމަށެވެ.

މި ދައުރުގެ ތެރޭގައި އެއާޕޯޓު އެޅުމާއި ބަނދަރާއި އާރްޓީއެލް ނިޒާމުން ރާއްޖެ ގުޅާލުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި އެއިން ކޮންމެ މަޝްރޫއަކީ އިތުރު ވަޒީފާ އާއި އާމްދަނީ ދައުލަތަށް ވެސް ލިބޭ މަސައްކަތްތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ގާދިއްފުށީގައި ބޭއްވި ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާގެ ތެރެއިން.. ފޮޓޯ: އެމްޑީޕީ

"2028 ވަނަ އަހަރު އަންނަ އިރުގައި ރާއްޖޭގެ އިގުތިސާދު 170 ބިލިއަން ރުފިޔާ ފަހަނައަޅައިދާނެ. އަދި ނަތީޖާއަކަށް ވެގެންދަނީ ދައުލަތަށް ލިބެންޖެހޭ އާމްދަނީ 45 ބިލިއަން ރުފިޔާ ފަހަނައަޅައި، 50 ބިލިއަނާ ހަމައަށް އަމާޒު ހިފުން. އަދި އަޅުގަނޑުމެންގެ އަމާޒަކީ 2028 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓަކީ ބެލެންސް، އަރަނި ބަޖެޓަކަށް ހެދުން،" ރައީސް ވިދާޅުވި އެވެ.

އިގްތިސާދު ފުޅާކޮށް މަޝްރޫއުތައް ހިންގަން ފެށުމުން ފައިސާ އިތުރުވަމުން ދާނެ ކަމަށާއި 2023 ވަނަ އަހަރު އަންނަ އިރު 45 ބިލިއަން ރުފިޔާ ހުރަސްކޮށް 50 ބިލިއަން އާ ދިމާލަށް އަމާޒު ހިފާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ގާދިއްފުށީގައި ބޭއްވި ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާގެ ތެރެއިން.. ފޮޓޯ: އެމްޑީޕީ

ރައީސް އިތުރަށް ވިދާޅުވީ ރާއްޖެ ތަރައްގީ ކުރެވެނީ ހުރިހާ ރަށެއްގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދީގެން ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުން ބާކީކޮށް އަޅާނުލެވި ހުރި ކިތަންމެ ރަށަކަށް އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްފަހު އެތައް ކަމެއްކޮށްދީ ރައްޔިތުންގެ ދިރިއުޅުން ފަސޭހަކޮށްދީފައިވާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން ގާދިއްފުށީގައި ވެސް އިންޖީނުގެއަށް ގެނެވުނު ބަދަލާއި، ފެނާ ނަރުދަމާގެ ނިޒާމު ގާއިމުކުރުމާއި، އަދި ބަނދަރު ހެދުމަށް ކޮންޓްރެކްޓު ކޮށްފައިވާނެ ކަމުގައި ވިދާޅުވި އެވެ. އަދި ގާދިއްފުށި ސްކޫލަށް ބޭނުންވާ ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތްތައް މިހާރު ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް ގާދިއްފުއްޓާއި މިހެން ހުރި ކުދި ރަށްރަށް ތަރައްގީކުރުމަށްޓަކައި އަދިވެސް އިތުރަށް ކުރަންޖެހޭ ކަންތައްތައް އެބަހުރި،" ރައީސް ވިދާޅުވި އެވެ.

ގާދިއްފުށީގައި ބޭއްވި ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާގެ ތެރެއިން.. ފޮޓޯ: އެމްޑީޕީ

ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެނަމަ ގިނަ ކަންތައްތަކެއް ގާދިފުއްޓަށް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އެރަށަށް ބިން އިތުރުކުރުމަށް ބިން ހިއްކުމާއި އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލެއް ހޯދަވައިދެއްވާނެ ކަމަށް ރައީސް ވައުދުވި އެވެ. އަދި އެރަށާއި ކައިރީގައި އިންނަ އުސްފުށި ޕިކްނިކް އައިލެންޑަކަށް ހެދުމާއި އެރަށުގައި މޫދަށް އެރޭ ސަރަހައްދެއް ހެދުމަށްވެސް ރައީސް ވައުދުވި އެވެ.

މީގެ އިތުރުން އެރަށުގައި ހެލްތު ސެންޓަރު އިތުރު އިމާރާތެއް އެޅުމާއި ވޮލީ ކޯޓަކާއި އައުޓް ޑޯ ޖިމެއް ގާއިމްކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.