ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓްލުމަށް ޑިޖިޓަލް އައިޑީ ކާޑެއް ބޭނުމެއް ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އެ ކޮމިޝަނުން ބުނީ އިންތިހާބުގައި ވޯޓުލުމަށްޓަކައި، ބޭނުންކުރެވޭނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، (އައިޑީ ކާޑު) މުއްދަތު ހަމަ ނުވާ ދިވެހި ޕާސްޕޯޓު، މުއްދަތު ހަމަ ނުވާ ޕާސްޕޯޓް ކާޑު، މުއްދަތު ހަމަނުވާ ޑްރައިވިން ލައިސަންސް ކަމަށެވެ. އަދި ވޯޓްލުމަށްޓަކައި އޭގެ ތެރެއިން ކޮންމެ ވެސް އެއް ޑޮކިއުމަންޓެއްގެ އަސްލު އޮންނަން ޖެހޭނެ ކަމަށާއި، އެ ނޫން އެހެން އެއްވެސް ލިޔުމެއް، ވޯޓުލާ މަރުކަޒުން ގަބޫލު ނުކުރާނެ ކަމަށް ކޮމިޝަނުން ބުނެ އެވެ.

އެހެންކަމުން ވޯޓްލާން ބޭނުންވާ އައިޑީ ކާޑުފަދަ ތަކެތީގެ މުއްދަތު ހަމަވެފައިވާނަމަ، ނުވަތަ މުއްދަތު ހަމަވާން ކައިރިވެފައިވާ ނަމަ، އާ ކުރުމަށް ކޮމިޝަނުން އިލްތިމާސްކުރެ އެވެ.

އިލެކްޝަނުން ބުނީ ރިޔާސީ އިންތިހާބުގެ އެއްވެސް ކަމެއްގައި، ޑިޖިޓަލް އައިޑީ ކާޑު އަދި އީފާސް ބޭނުން ނުކުރާ ގޮތަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބު އޮންނާނީ އަންނަ މަހުގެ 9 ވަނަ ދުވަހު އެވެ. 8 ކެންޑިޑޭޓުން ވާދަކުރައްވާ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓްލުމުގެ ހައްގު 282،395 މީހަކަށް ލިބިފައިވެ އެވެ. މީގެ ތެރެއިން 27،000 އަށް ވުރެ ގިނަ މީހުންނަކީ މިފަހަރުގެ އިންތިޚާބުގައި އަލަށް ވޯޓުލާ މީހުންނެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި މިފަހަރު 574 ފޮށި ބަހައްޓާނެ އެވެ.