ޕީއެންސީގެ ވެރިކަމެއްގައި ލ. އަތޮޅު ގާދޫގައި ޓްރާންޝިޕްމެންޓް ބަނދަރެއް ހައްދަވައި ދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދު ވެވަޑައިގެންފި އެވެ.

ލ. ފޮނަދޫގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވިދާޅުވީ ލ. ގާދޫގައި ޓްރާންޝިޕްމަންޓް ބަނދަރަކާއި ބަންކަރިން ފެސިލިޓީ ގާއިމް ކޮށްދެއްވާނެ ކަމަށެވެ. އަދި ފޮނަދޫގެ އާއި ގާދޫ ދެމެދު އޮތް ފަޅު ހިއްކައިގެން ރިސޯޓެއް ތަރައްގީކޮށް، އަމަލީ މައިދާނުގައި ތަޖުރިބާތައް ލިބޭ ހޮޓެލް ސްކޫލެއް ހައްދަވައިދެއްވާނެ ކަމަށް ވެސް މުއިއްޒު ވައުދު ވެވަޑައިގެންނެވި އެވެ.

ފޮނަދޫގެ އާއި ގާދޫ ވެސް ކޯޒްވޭ އަކުން ރިސޯޓާ ގުޅަލާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ލ. ފޮނަދޫގައި ބޭއްވި ޑރ. މުއިއްޒުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން.

މުއިއްޒު ވިދާޅުވީ ހައްދުންމައްޗަކީ ރާއްޖޭގެ މުސްތަގުބަލް އޮތް ސަރަހައްދެއް ކަމަށާއި އާބާދީ އެއްފަސްކޮށް ދިވެހިރާއްޖޭގެ މުސްތަގުބަލް ބިނާ ކުރެވޭނެ ސަރަހައްދެއް ކަމަށެވެ. ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްގެންގޮސް ސޯޝަލް ހައުސިން ރައްޔިތުންނަށް ފޯރުކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ލ. ފޮނަދޫގައި ބޭއްވި ޑރ. މުއިއްޒުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން.

"ފޮނަދޫ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދާނަން. އެއީ އާބާދީ އެއްފަސްކޮށް އިގުތިޞާދީ ނަފާ އިތުރު ކުރަން ކުރިއަށް ގެންދާނެ މަޝްރޫއެއް. ގެދޮރުވެރިކަމުގެ އެކަށީގެންވާ މަޝްރޫއެއް ކުރިއަށް ގެންދަން ޖެހޭ،" މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރަށް މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ލ. އަތޮޅުގައި ފެށި ލ. ބަރެސްދޫ ރިސޯޓުގެ މަސައްކަތް އަލުން ފައްޓާނެ ކަމަށެވެ.

ލ. ފޮނަދޫގެ އިތުރުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ލެންގުއޭޖް ސުކޫލް ގާއިމްކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.