މި ސަރުކާރުން ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރިގޮތާ މެދު މުވައްޒަފުންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށާއި އެ ކަންކަމަށް ހައްލު ގެނެސްދެއްވާނެ ކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ލ. ގަމުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރިޔަސް އެ ދާއިރާގައި ހިދުމަތްކުރާ އެންމެނަށް އޭގެ ފައިދާ ނުކުރި ކަމަށެވެ.

މުއިއްޒު ވިދާޅުވިގޮތުގައި މުސާރަ ބޮޑުވީ ހަމައެކަނި އެ ދާއިރާގެ މަތީ ލެވެލްގައި ހިދުމަތް ކުރާ މުވައްޒަފުންގެ އެކަނި ކަމަށެވެ. އެއީ އިންސާފުވެރިގޮތެއް ނޫންކަން ފާހަގަކުރައްވައި މުއިއްޒު ވަނީ އޭނާގެ ވެރިކަމެއްގައި އެކަމަށް ހައްލު ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު ދޭ ޔަގީންކަމަކީ މިފަދަ ކަންކަން އަޅުގަނޑުގެ ސަރުކާރެއްގައި ސީރިއަސްކޮށް ބަލައިދޭނަމޭ. ބަލައި ހެލްތު ސެކްޓާގެ ހުރިހާ މުވައްޒަފުންނަށް އޭގެ އެންމެ އަދުލުވެރި ގޮތުގައި މި ހުރިހާ މައްސަލައެއް ހައްލުކޮށްދޭނަމޭ،" މުއިއްޒު ވިދާޅުވިއެވެ.

އާސަންދަ އިން ހިންގާ ކޮރަޕްޝަން އޭނާގެ ވެރިކަމެއްގައި ހުއްޓުވައި ކޮންމެ މީހަކަށް ވެސް އަހަރަކު ދެ ފަހަރު އާސަންދައިން ހެލްތް ޗެކަޕް ހެދޭނެގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.