ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމާ ބައްދަލުކުރައްވައި އެމަނިކުފާނު މިނިވަންކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ އަޑު އުފުލައިފި އެވެ.

ޔާމީން މިނިވަންކުރަން މީގެ ކުރިން ވެސް އެކިއެކި ބައްދަލުވުންތަކުގައި ގޮވާލައްވާފައިވެ އެވެ. ނަޝީދަށް މިރޭ މެޑަމް ފާތުންއާ ބައްދަލުކުރެއްވުނީ އިއްތިފާގަކުންނެވެ.

އެކަން އެހެން މެދުވެރިވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ހަރަކާތްތަކުގައި ރަސްމީކޮށް ފުރަތަމަ ފަހަރަށް ފާތުން ބައިވެރިވެވަޑައިގަތުމަށް ފަހު، އަނބުރާ ގެއަށް ހިންގަވާފައި ވަޑައިގެންނެވީ ޑިމޮކްރެޓްސް ޕާޓީގެ ހަރުގެ ކުރިމަތިން ކަމަށްވުމެވެ. އެވަގުތު ކެމްޕޭން ހަރަކާތެއްގައި ނަޝީދު ހުންނެވީ ހަރުގެ ކުރިމަތީގަ އެވެ.

ޕީޕީއެމްގެ ސަޕޯޓަރުންނާއެކު ނަޝީދު ވަނީ އެ ވަގުތު ޔާމީން މިނިވަންކުރުމަށް ގޮވާލައިފަ އެވެ.

"ރައީސް ޔާމީން... ދޫކޮށްލާ!" ޕީޕީއެމްގެ ސަޕޯޓަރުން އެވަގުތު ގޮވާލަމުން ދިޔަ އެވެ.

"ދޫކޮށްލާ!.. ދޫކޮށްލާ!... ދޫކޮށްލާ!..." އެ ވަގުތު ނަޝީދު ވެސް ހަރު އަޑުން އަޑު އުފުލި އެވެ.

އެމްޑީޕީން ވަކިވެ ވަޑައިގަތްފަހުން، ނަޝީދު ވަނީ ތަކުރާރުކޮށް، ރައީސް ޔާމީން ބަންދުގައި ބޭއްވުވަކީ އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށް ވިދާޅުވަމުންނެވެ.

"އިރާދަ ކުރެއްވިއްޔާ ދެން ގިނަ ދުވަހަކު ރައީސް ޔާމީން ޖަލުގައި ނުހުންނަވާނެ. އަޅުގަނޑުމެން އިހުތިޖާޖު ވެސް ބައިވެރިވާނަން. ތިބޭފުޅުންނާއެކު މަގުމަތީ ގައި ވެސް ތިބޭނަން. ރައީސް ޔާމީން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޖަލުން ނެރޭނަން،" މީގެ ކުރިން ނަޝީދު ވިދާޅުވެފައިވެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ކުރި ދައުވާއެއް ސާބިތުވެ ޔާމީން ގެންދަވަނީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންނެވެ.