މާދަމާ އޮންނަ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން "ހުރިހާ" އިން ނެގި ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ ދައްކާ ގޮތުން އެއްވެސް ކެންޑިޑޭޓަކަށް އެއްބުރުން އިންތިހާބު ކާމިޔާބު ނުވާނެ ކަމަށް ދައްކައިފި އެވެ.
މިދިޔަ މަހުގެ ނުވަވަނަ ދުވަހުން ފެށިގެން ރޭގެ 12:00 ގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މި ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ ދައްކާ ގޮތުން މާދަމާ އޮންނަ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯދާނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. ކިޔުންތެރިންގެ ތެރެއިން %47 މީހުން ވޯޓު ދިނީ ޑރ. މުއިއްޒަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ލިބުނީ %44 ޕަސެންޓް ވޯޓެވެ.
މި ހިޔާލު ހޯދުމުގެ ވޯޓުގައި 6،400 އަށް ވުރެ ގިނަ ކިޔުންތެރިން ވޯޓު ދީފައިވެ އެވެ.
ހިޔާލު ހޯދުމުގެ ވޯޓެއް ކުރިޔަށް ގެންދިޔަ އެންމެ ބޮޑު ބޭނުމަކީ މިފަހަރުގެ ރިޔާސީ އިންތިހާބާ މެދު ކިޔުންތެރިންގެ ފޯރި އިތުރުކުރުމެވެ.
"ހުރިހާ" އިން މީގެ ކުރިން ވެސް ވަނީ ރާއްޖޭގައި ބޭއްވި ބޮޑެތި އިންތިހާބުތަކާއި އާއްމުންނާ ގުޅުންހުރި އެކި ކަންކަމުގެ ހިޔާލު ހޯދުމަށް ޕޯލްތައް ނަގައިފަ އެވެ. އެ ޕޯލްތަކަށް ވެސް އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.