ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަަަ ކުރިއަށް ގެންދެވޭ ވަރަށް ސޮއި ހަަަމަވާތީ އެ މައްސަލަ ،ކުރިއަށް ގެންދެވޭނެ ކަމަށް މަޖިލީހުގެ ރިޔާސަތުން ނިންމައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ގާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު ކުރިއަށް ގެންދާނެ ގޮތަކާމެދު ގޮތެއް ނިންމުމާއި ދުވަހުގެ މަސައްކަތުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުމެވެ.
އެ މައްސަލަ އެޖެންޑާ ކުރިފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބް ރައީސް އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ގެންދިއުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ ނިންމާފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މައްސަލަ އެޖެންޑާކުރިފަހުން އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރެއްވި ބައެއް މެންބަރުން ނަން އަނބުރާ ގެންދަވާފައިވާ ކަމަށެވެ.
"މައްސަލަ އެޖެންޑާކޮށްފައިވަނިކޮށް އެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން 25 ބޭފުޅަކު ވަނީ އެ ބޭފުޅުންގެ ނަން އަނބުރާ ގެންދަވާފަ. މި މައްސަލަ ކުރިއަށް ދިއުމަށް 22 ބޭފުޅޫންގެ ސޮއި ބޭނުންވޭ. އެހެންވީމަ އަދި 22 ބޭފުޅުންގެ ސޮއި އޮތުމާއެކު މައްސަލަ ކުރިއަށްދާނެ." ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވަނީ އިތުރު އަށް މެންބަރުން ސޮއި ނުނަންގަވާނަމަ މައްސަލަ ކުރިއަށްދާނެ ކަމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުން ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފުއާ ހަވާލުކުރައްވާފަ އެވެ.
އެހެން ނަމަވެސް މަޖިލީހުގެ ރިޔާސަތާ އަފީފު ހަވާލުވުން އެމްޑީޕީގ މެންބަރުން ނިޒާމީ މައްސަލަ ނަންގަވާ އެ މައްސަލަ އަނބުރާ ގެންދަން އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމާފައިވާ ކަމަށާއި އެކަން މަޖިލީހުގެ އިދާރާ އަށް އެންގިފައި ނުވަނީ އިދާރީ އޮޅުމަކުން ކަމަށެވެ
އެހެންކަމުން، ބާކީ ތިބި މެމްބަރުންގެ ސޮއި އަނބުރާ ގެންގޮސް، އެކަން އިދާރާ އަށް ރަސްމީކޮށް އަންގަން 15 މިނެޓުގެ ފުރުސަތެއް ދެއްވުމަށް އެމްޑީޕީގެ މެންބަރުން އެދިފަ އެވެ.
އެ ވާހަކަތަކަށް ރިއާއަތް ކުރައްވައި، ރިޔާސަތުން އަފީފް ވަނީ މިކަން އިދާރީ ގޮތުން ހައްލުކުރަން ފުރުސަތު ދިނުމަށް ކުޑަވަގުތުކޮޅަކަށް މަޖިލިސް މެދުކަނޑާލައްވައިފަ އެވެ.
މަޖިލިސް ގަވާއިދު ބަޔާންކުރާގޮތުގައި މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސް މަގާމުން ވަކިކުރެވޭނީ، މަޖިލީހުގެ އެ ޖަލްސާއެއްގައި ޙާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް ނަޝީދު ވަކިކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ 54 މެންބަރުންގެ ސޮޔާއެކު އެވެ.