ބޮލީވުޑްގެ ޒުވާން އެކްޓަރު ވަރުން ދަވަން ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ.

މީގެ ކުރިންވެސް އެތަކެއް ފަހަރު ރާއްޖެއަށް އައިސްފައިވާ ވަރުން މިފަހަރު ޗުއްޓީއަށް ރާއްޖެ އައިސްފައިވަނީ އޭނާގެ އަންހެނުން ނަތާޝާ އާއި އެކު އެވެ.

އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ރިޒް ކާލްޓަން މޯލްޑިވްސްގަ އެވެ. އެރިސޯޓްގައި ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ވަރޫންގެ އިންސްޓަގްރާމްގައި ވަނީ ޕޯސްޓްކޮށްފައިވެ އެވެ.

މިދުވަސްކޮޅު ވަރުން އަންނަނީ މަޝްހޫރު ޑައިރެކްޓަރު އެޓްލީގެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. މިފިލްމުގެ ޝޫޓިންގައި އުޅެނިކޮށް ވަރުންނަށް ވަނީ އަނިޔާވެފަ އެވެ.

ވަރުން ރާއްޖެ އައިސްފައިވަނީ އެފިލްމުގެ މަސައްކަތުން ބްރޭކެއް ނަގައިގެންނެވެ.

ކަރަން ޖޯހަރްގެ 2012 ގެ "ސްޓޫޑެންޓް އޮފް ދިޔާ" އިން ބޮލީވުޑަށް ނުކުތް ވަރޫން، 36، ގެ އެންމެ ފަހުގެ ފިލްމަކީ ޖުލައިގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި "ބަވާލް" އެވެ.

ރާއްޖެ އަކީ ބޮލީވުޑްގެ ގިނަ ތަރިންގެ މެދުގައި ވަރަށް ވެސް މަގުބޫލު މަންޒިލެކެވެ. އަބަދުވެސް ބޮލީވުޑްގެ ތަރިއަކު ރާއްޖޭގައި ޗުއްޓީ ހޭދަކުރާ އުޅޭކަމަށް ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.