މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ލިބުނު ނާކާމިޔާބީ އަނބުރާލައި ދެވަނަ ބުރުގައި އިންތިހާބު ކާމިޔާބުކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ކެމްޕޭން ޓީމުތަކުން ކުރި ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ކެމްޕޭން ޓީމުތަކުން މަސައްކަތް ކުރީ ގައުމަށްޓަކައި ކަމަށެވެ.

ވޯޓުލާން ނުދާ މީހުންގެ ތެރޭގައި އެމަނިކުފާނަށް ތާއީދު ކުރާ ގިނަ ބަޔަކު ހިމެނޭ ކަމަށާއި އެ މީހުންނަށް ވޯޓުލާން ނުދެވުނު ސަބަބުތައް ވަކިވަކި ފޮށިތަކަށް ބަލައިގެން ދެނެގަނެ ކެމްޕޭން ހަރަކާތްތައް ބާރަށް ކުރިއަށްގެންދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔަގީން، އިރާދަކުރެއްވިއްޔާ، ބާކީ މި އޮތް 17 ދުވަހުގެ ތެރޭގައި މީތި މުޅިން އަނބުރާލާފައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ބޮޑު ތަފާތަކުން މި އިންތިހާބު ކާމިޔާބު ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަނެއްކާވެސް ކެމްޕޭންގެ މަސައްކަތް ކުރިއަށްގެންދަނީ ކަމަށާއި އެއީ ރާއްޖެ ތަރައްގީ ކުރުމަށް އެމްޑީޕީން ހިފައިގެން ނުކުތް މެނިފެސްޓޯ ތަންފީޒު ކުރުމުގެ މަސައްކަތް ކަމަށެވެ.

"މި ރާއްޖެ އެނބުރި ބިރުވެރިކަމުގެ ތެރެއަށާއި ނާމާންކަމުގެ ތެރެއަށް ގެންދަން އަޅުގަނޑުމެން ބޭނުން ނުވާތީ އަނެއްކާވެސް ނުކުމެ މިތިބީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަކީ ނާކާމިޔާބީގައި ވެސް މަސައްކަތްކޮށްފައި ތިބި ބައެއް ކަމަށެވެ. އަދި އެމްޑީޕީން ވަނީ މާޒީގައި ނާކާމިޔާބީތަކުގައި ފޯރީގައި ގަދަޔަށް ނުކުމެ ކާމިޔާބު ހޯދާފައި ކަމަށް ރައީސް ވިދާޅުވި އެވެ.

"އަނެއްކާވެސް މި ފަށައިގަންނަނީ ބަދަލު ކުރަން ޖެހޭ ކަންތައް ދެނެގަނެގެން އަނެއްކާވެސް ފޯރި އާއި ޖޯޝާ އެކު،" ރައީސް ވިދާޅުވި އެވެ.ފަހަތަށް ނުޖެހި އަނެއްކާވެސް ހިތްވަރާއެކު ނުކުމެ އިންތިހާބު ކާމިޔާބު ކުރުމަށް ކުރިއެކޭ އެއްގޮތަށް މަސައްކަތް ކުރުމަށް ރައީސް ވަނީ ކެމްޕޭން ޓީމުތަކަށް އިލްތިމާސް ކުރައްވާފަ އެވެ.