އިންޑޮނޭޝިއާ އިން ރާއްޖެއަށް ދަތުރުކުރަމުން އައި ޓަގް ބޯޓެއްގެ ކަފުގައި އޮތް ބާޖެއްގައި ހާލުގައި ޖެހިފައި ތިބި ބަޔަކަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އިންޑޮނޭޝިއާ އިން ރާއްޖެއަށް ދަތުރުކުރަމުން އައި ޓަގު ބޯޓު (މުތާ ކޮރަލް) ފަހަތުގައި އޮތް ބާޖުގައި ބަޔަކު އުޅޭކަން ފާހަގަކުރެވިގެން އެކަން ޓަގު ބޯޓުގެ ފަރާތުން ރިޕޯޓްކުރުމުން، އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް އަދި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ބެލިބެލުމުން، އެ އުޅަނދުގައި ތިބި 12 މީހުންނަކީ މަސްވެރިންކަންކުރާ ބޭރުގެ އުޅަނދެއްގައި މަސައްކަތްކުރާ ބައެއްކަން ވަނީ އެނގިފަ އެވެ. އަދި އެ މަސްވެރިން، ބާޖަށް އަރާފައި ވަނީ ރާއްޖެ އާއި ގާތްގަނޑަކަށް 140 މޭލު ބޭރުން، ރޭގަނޑުގެ ވަގުތުގައި އައި ކޮޅިގަނޑެއްގައި އެ މީހުން މަސްވެރިކަން ކުރަމުންދިޔަ މަސް ބޯޓާއި ބާޖު ޖެހުމުގެ ތެރޭގައި ބޯޓް ހަލާކުވެ އަޑިއަށް ދިއުމުން ކަމަށް ބުނެފައިވާތީ، މިކަންކަން އިތުރަށް ސާފުކުރުމުގެ މަސައްކަތް މިދަނީ ގުޅުންހުރި އިދާރާތަކާއި ގުޅިގެން ކުރަމުން ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.

މި މީހުން މިހާރު ވަނީ މާލެ ގެނެސް މޯލްޑިވްސް އިމިގްރޭޝަނާއި ހަވާލުކޮށްފައި ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.