ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ހައިކޯޓުން ދެމެހެއްޓުމާ ގުޅިގެން އެ ހުކުމް ގަބޫލު ނުކޮށް ސީދާ ހަރަކާތަށް ނުކުތުމަށް އިދިކޮޅު ކޯލިޝަނުން ނިންމައިފި އެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީ ހިމެނޭ ޖޮއިންޓް ކޯލިޝަންގެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވާ ސީދާ ހަރަކާތަށް ނުކުތުމަށް ނިންމާ ގަރާރެއް ފާސްކޮށްފަ އެވެ. ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހުށައެޅުއްވި މި ގަރާރަށް ކައުންސިލްގައި ވަނީ ބަހުސްކޮށްފަ އެވެ.

ކޯލިޝަންގެ ގަރާރުގައި ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުސައިން ޝަހީދުގެ ރައުޔަށް ބަލާއިރު، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުގެ ފަރާތުން އުފުލާފައިވާ ދައުވާއަކީ އެ ދައުވާ އުފުލުނު ހިނދުން ފެށިގެންވެސް ބާތިލު ދައުވާއެއް ކަމަށާއި، ދައުވާ ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި އެންމެހައި ހެކިތަކާއި ގަރީނާތަކަކީ އޭގެ ޒާތުގައި ވެސް ބާތިލު އެއްޗެއް ކަމަށެވެ.

ވުމާއެކު ކްރިމިނަލް ކޯޓުން ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުވާކަމަށް އެ ކޯޓުން ކަނޑައަޅުއްވާފައިވާ ހުކުމް ބާތިލު ކުރަންޖެހޭ ކަމަށް ދެކެވަޑައި ގަންނަވާ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.

ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލައިގެ ހުކުމް ފަނޑިޔާރު އިއްވަނީ.

އެ ގަރާރުގައި ދައުލަތުގެ ފަރާތުން ޝަފަހީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ ހެކިބަހަކީ ފާސިގު ހެކިބަހެއް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އެމައްސަލަ ބެއްލެވި ދެ ފަނޑިޔާރުން އިއްތިފާގުވާކަމާއި ހެކީގެ ގޮތުގައި ހުށަހެޅުނު މުއައްވިޒް ރަޝީދުގެ ހެކިބަސް ގަބޫލު ނުކުރަނީ ޝަރީއަތުގައި އޭނާ ހެކިބަސް ދިނުމުގައި ދޮގު ހަދާފައިވާ ކަމަށް ޝަރީއަތަށް ސާބިތުވާތީ ކަމަށެވެ.

އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުސައިން ޝަހީދު ފިޔަވައި ދެން ތިއްބެވި ދެ ފަނޑިޔާރުންގެ ރައުޔަށް ބަލާއިރު އެނގި ހާމަވެގެން ދަނީ އެ ދެ ފަނޑިޔާރުންގެ ރައުޔު ބިނާކުރެއްވީ އެ ދެ ފަނޑިޔާރުންގެ އަމިއްލަ މިނިވަން ރައުޔުއަށް ނޫންކަން އެނގޭ ކަމަށެވެ.

އެ ދެ ފަނޑިޔާރުންގެ ރައުޔުގައި އިސްތިއުނާފު ކުރެއްވި ފަރާތުން އިސްތިއުނާފުކުރައްވާފައިވާ ހުރިހާ ނުކުތާއަކަށް ރިޢާޔަތް ކުރައްވާފައި ނެތުމާއި، މައްސަލަ ސާބިތު ކުރުމަށް އިސްލާމީ ޝަރީއަތުގައި ކަނޑައަޅުއްވާފައިވާ މިންގަނޑަށާއި، ދިވެހިރާއްޖޭ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުންތަކަށާއި ދުނިޔޭގެ ކުރިއަރުވާފައިވާ ގައުމުތަކުން މިބާވަތުގެ މައްސަލަތަކުގައި ނިންމާފައިވާ ނިންމުންތަކަށާއި ބައިނަލްއަގުވާމީ މުއާހަދާތަކަށް ވެސް އެއްވެސް މިންވަރަކަށް ރިއާޔަތް ކުރެއްވުމެއް ނެތި ދަށު ކޯޓުގެ ޙުކުމަށް ތާއީދު ކުރައްވާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލައިގެ ހުކުމް ފަނޑިޔާރު އިއްވާއިރު އެމަނިކުފާނު ހުކުމް އަޑުއައްސަވަނީ.

އެ ގަރާރުގައި ވަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ޚިލާފަށް، ސިޔާސީ މަގުސަދުތަކެއް ހާސިލްކުރުމަށް ސަރުކާގެ ނުފޫޒާ އެއްގޮތަށް ކޮށްފައިވާ ހުކުމެއް ކަމަށް މި ކޯލިޝަނުން ދެކޭތީ އެ ހުކުމަކީ މި ކޯލިޝަނުން ބަލައިގަންނަ ހުކުމެއްނޫން ކަމާއި، އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ސީދާ ހަރަކާތަށް ނުކުތުމަށް މި ކޯލިޝަނުން ނިންމާފައިވާ ކަމަށެވެ.

މިގަރާރަށް ބަހުސް ކުރި ހުރިހާ މެމްބަރުންވަނީ ސީދާ ހަރަކާތަށް ނުކުތުމަށާއި މިސަރުކާރުން ރައީސް ޔާމީން މިނިވަންކުރުމަށް މަގުމައްޗަށް ނުކުތުމަށް ތާއީދުކޮށް ވާހަކަ ދައްކާފަ އެވެ.