މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްގެ މެމްބަރުން ގުއި ރޯނެއްގައި ނުޖެހި، އެމްޑީޕީ ކޮޅަށް އަރާނެ ކަމަށާއި އަންނަ ހަފްތާގައި 99 ޕަސެންޓް މީހުން އަރާނީ އެމްޑީޕީ ކޮޅަށް ކަމަށް ރައްޔިތުން މަޖިލީހުގެ ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެތް) ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ބޭއްވި ކަންމަތީ ބައްދަލުވުމުގައި ދޮންބިލެތް ވިދާޅުވީ އެމްޑީޕީގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސް އިން ޖެހެން އުޅެނީ "ގުއި ރޯނެއް"ގައި ކަމަށާއި އެއީ އިދިކޮޅުގެ ހީލަތްތެރި ރޭވުމެއް ކަމަށެވެ.

ދޮންބިލެތް ވިދާޅުވީ އެމްޑީޕީގައި ވަރަށް އެކުވެރިކޮށް އުޅުނު ގިނަ މީހުންތަކެއް މާޔޫސްކަމާއި އުނދަގޫ ހާލަތެއްގައި ތަންކޮޅެއް ދުރަށް ޖެހިގެން އެބައުޅޭ ކަމަށާއި މާޒީގައި ކަންތައް ވެގެންދިޔަ ގޮތާ މެދު ޑިމޮކްރެޓްސްގެ ބޭފުޅުން ވިސްނަން ޖެހޭ ކަމަށެވެ.އޭނާ ފާހަގަ ކުރެއްވި ގޮތުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ދޮންނަ މެޝިނަކާއި އުވަގަށާ މެޝިނަށާއި ތެލިތައްޓަށް ވޯޓުލައިގެން ޕްރައިމަރީއަކުން އިއްތިފާގުވީ ރައީސް ނަޝީދަށް ރިޔާސީ ޓިކެޓު ދިނުމަށެވެ. ނަމަވެސް ކުރީގެ ރައީސް ޔާމީން އާއި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ރައީސް ނަޝީދު "އެލުވައިގެން" ކޯޓަށް ވައްދައި ހުކުމެއް ކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން ރޭ ގަލޮޅުގައި ބޭއްވި ކަންމަތީގައި ޖަލްސާގައި ރައީސް ސޯލިހާއި ދޮންބިލެތް ހަލީމް ބައިވެރިވަނީ. ފޮޓޯ: އެމްޑީޕީ

"އެ ދުވަހުގެ ނަތީޖާއަކަށްވީ އެ ޓިކެޓް، އަޅުގަނޑުމެންނަށް މަޖުބޫރުވީ އެހެން ފަރާތަކަށް އެ ޓިކެޓު ހަވާލުކުރަން. 2018 ވަނަ އަހަރު އަޅުގަނޑުމެން އިންތިހާބާ ކުރިމަތިލީ ޕްރައިމަރީއަކާ ނުލައި، ރައީސް ސޯލިހަށް އަޅުގަނޑުމެން އާދޭހާއެކު އެތައް ފަހަރަކު ރައީސަށް ދަންނަވައިގެން، އަޅުގަނޑުގެ ހާޒިރުގައި އެތައް ދުވަހަކު އެތައް މީޓިންއެއް ހިނގައިގެން ގޮސް، އެންމެ ފަހުން ރައީސް ސޯލިހު އެއްބަސްވީ އެކަން އަޅުގަނޑުމެންނަށް ކޮށްދޭން،" ދޮންބިލެތް ވިދާޅުވިއެވެ.

އެމްޑީޕީން ވެރިކަމަށް އައިސް، ތަރައްގީގެ އެތައް މަޝްރޫއުތަކެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރަމުންދާ ކަމަށް ދޮންބިލެތް ވިދާޅުވި އެވެ.

އެމްޑީޕީ ތެރޭގައި ޖެހުނު މައްސަލައިގެ ފައިދާ މިހާރު ނަގަމުން ދަނީ ޕީޕީއެމް/ޕީއެންސީ މެދުވެރިކޮށް ކަމަށް ދޮންބިލެތް ވިދާޅުވި އެވެ. އަދި ގުއިރޯނުގައި ޖެހުމަކީ ދަ ޑިމޮކްރެޓްސްގެ މެމްބަރުން މުއިއްޒަށް ވޯޓުލުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން ރޭ ގަލޮޅުގައި ބޭއްވި ކަންމަތީގައި ޖަލްސާގައި ދޮންބިލެތް ހަލީމް ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ

"އެކަން އެއްގޮތަކަށް ވެސް ކުރައްވައިގެން ނުވާނެ. އެއީކީ ބުއްދިވެރި ކަމެއް ނޫން،" ދޮންބިލެތް ވިދާޅުވި އެވެ.

ދޮންބިލެތް ވިދާޅުވީ މަޑުމަޑުން ކޮންމެ ދުވަހަކު ޑިމޮކްރެޓްސްގެ ބޭފުޅުންގެ ތާއީދު ލިބެމުންދާ ކަމަށާއި އަންނަ ހަފުތާގައި ޑިމޮކްރެޓްސްގެ 99 ޕަސަންޓު ބޭފުޅުންގެ ތާއީދު ލިބޭނެ ކަމަށެވެ.