އައްޑޫ ސިޓީ ގަމުގައި އެމްއެންޑީއެފް ސަދަން އޭރިޔާ ކޮމާންޑުގެ ބެލުމުގެ ދަށުގައި އޮންނަ އެމްއެންޑީއެފް ހެލިކޮޕްޓަރު ރޭގަނޑު ވަގުތުތަކުގައި ދަތުރު ކުރަނީ ރޭގަނޑުގެ އޮޕަރޭޝަންތަކަށް ޕައިލެޓުން ފަރިތަވެ، އަހުލުވެރިވުމަށް ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

ގަމުގައި އޮންނަ ހެލިކޮޕްޓަރު ރޭގަނޑުގެ ވަގުތުގައި އާދަޔާ ހިލާފު ގޮތަކަށް އޮޕަރޭޓް ކުރަމުން އަންނަ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުން އަންނަ ވާހަކަތަކާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ ރޭގަނޑުގެ ވަގުތުތަކުގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަކީ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ބަލާއިރު ނުރައްކާތެރިކަން ބޮޑު ކަމަކަށްވާތީ، ހެލިކޮޕްޓަރުގެ އެކިއެކި އިންސްޓްރުމެންޓްސްގެ އޮޕަރޭޝަނަލް ރެޑިނަސް ހިފެހެއްޓުމަށާއި ޕައިލެޓުން ރޭގަނޑުގެ އޮޕަރޭޝަންތަކަށް އަހުލުވެރިވުމަކީ ގަވާއިދުން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ވަކިން ޚާއްސަކޮށް ހެލިކޮޕްޓަރުން ބަލިމީހުން އުފުލުމުގައި ރޭގަނޑު ވެސް ދަތުރުތައް ކުރަންޖެހޭތީ، އޮޕަރޭޝަނަލް ރެޑިނަސް ހިފަހައްޓައި، ރޭގަނޑުގެ އޮޕަރޭޝަން ތަކަށް ޕައިލެޓުން ފަރިތަވެ، އަހުލުވެރިވުމަކީ ހެލިކޮޕްޓަރުން ދަތުރުކުރާ އެންމެހާ ފަރާތްތަކުގެ ސަލާމަތަށް ވެސް ކޮންމެހެން ކުރަންޖެހޭކަމެކެވެ.

"ވުމާއެކު ކަނޑައެޅޭ ތާވަލެއްގެ ތެރެއިން ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައި ހެލިކޮޕްޓަރުތައް ސްޓޭޝަން ކުރެވިފައިވާ އެމްއެންޑީއެފްގެ އޭރިޔާ ކޮމާންޑް ތަކުގައި ޓެސްޓް ފްލައިޓްތައް ކުރިއަށް ގެންދެވޭ،" އެމްއެންޑީއެފުން ބުންޏެވެ.