ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް އިސްލާހު ގެންނަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެންޑީއޭއަށް އިސްލާހު ގެންނަން ޖެހިފައިވާކަމީ ޝައްކު ހިނގާ ކަމެއް ނޫން ކަމަށެވެ. އަދި މަސައްކަތް ފަސްވެ ލަސްވަމުން ދިއުމަކީ މުޅި ރާއްޖެ އަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު އެގޮތަށް ވިދާޅުވިއިރު، އެ އެޖެންސީން ދޭ ފަރުވާގެ ނިޒާމު ދޯހަޅިވުމުން އެތަނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ގޮވާލައި އެ އެތަނުގެ ކުރިމަތީގައި މިދިޔަ މަހުގެ ކުރީކޮޅު މުޒާހަރާ ވެސް ކުރި އެވެ. މަސްތުވާތަކެއްޗާ ގުޅޭ އެކި ޝުއޫރު ފާޅުކޮށްފައި ހުރި ބޯޑުތަކާއި ޕޯސްޓަރުތައް ބޭނުން ކޮށްގެން ކުރި މުޒާހަރާގައި ފަރުވާގެ ނިޒާމުގައި ހިނގަމުން އަންނަ ދޯހަޅި ކަންކަން އެ ޕޯސްޓަރުތަކުން ހާމަކޮށްދީފައިވެ އެވެ.

އާންމުންގެ ކަންބޮޑުވުންތައް މި މައްސަލައިގައި ބޮޑުވެފައި ވަނިކޮށް ރައީސް އޮފީހުގައި ކަމާބެހޭ އިދާރާތަކުގެ ބޭފުޅުންނާއެކު ނައިބު ރައީސް ފައިސަލް ނަސީމް ބޭއްވެވި ބައްދަލުވުމެއްގައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދު ކުރާ މީހުންނަށް ފަރުވާދޭނެ އަވަސް ގޮތްތަކެއް ކަނޑައަޅުއްވައިފަ އެވެ. އެގޮތުން އެމަނިކުފާނު ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރު ކުރާ މީހުންނަށް ފަރުވާ ދިނުމަށް ގުޅީފަޅުގައި ވަގުތީގޮތުން ގާއިމްކުރެވޭ ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރުގެ މަސައްކަތްތައް އަވަސް ކުރުމުގެ ގޮތުން، މިކަމުގައި ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކަށް ކުރިމަތިވި ބައެއް މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވައިފަ އެވެ.

މީގެ ނުވަ އަހަރުކުރިން އުފެއްދި އެންޑީއޭ އަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ސިޔާސަތުތައް ތަންފީޒު ކުރާ އިދާރާ އެވެ.

އެންޑީއޭގެ އިސްވެރިޔަކު ނެތި ދިއުމަށް ފަހު ސީއީއޯކަަށް ބޭފުޅަކު ހަމަޖައްސެވީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އެ އެޖެންސީގެ ސީއީއޯ ކަމަށް ހަމަޖެއްސީ މުހައްމަދު ހަބީބެވެ.