އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުން ސޯސަން ޖަގަހަގައިގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތަކާއި ދައުލަތުގެ އެކިއެކި މަގާމުތަކުގައި ތިބި މީހުންނަށްދޭ މުސާރައިގެ ކުރިއެރުން ދިނުމުގައި މަސައްކަތް ކުރައްވަނީ ހަމަހަމަކަމާ އެކީގައި ކަމަށެވެ.

އެގޮތުން އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ޕައިލެޓުންނާއި އިންޖިނިއަރުންނާއި ކްރޫން ފަދަ މުވައްޒަފުންނަކީ މުހިންމު ބައެއް ކަމަށާއި އެ ދާއިރާގައި ވެސް ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ރައީސް ވިދާޅުވީ އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ އަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

"ލަސްތަކެއް ނުވެ، އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ޕައިލެޓުންނާއި އިންޖިނިއަރުންނާއި އެއާ ކްރޫންނާ މިހެން ގޮސް ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ބޭފުޅުންނަށް މުސާރައިގެ ކުރިއެރުން ލިބޭނެ ކަމުގެ ޔަގީންކަން ތިޔަބޭފުޅުންނަށް އަރުވަން،" ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުން ވަނީ ސިވިލް ސާވަންޓުންނާއި ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފަ އެވެ. އަދި ސިފައިންނާއި ފުލުހުން ހިމެނޭ ގޮތަށް 10 ދާއިރާއެއްގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށް ރައީސް މީގެކުރިން ވިދާޅުވެފައިވެ އެވެ.