ހުއްދަނެތި އުތުރު ތިލަފަޅުގައިވާ އެމްއެންޑީއެފްގެ ސަރަހައްދަށް ދިޔަރެސް ނޫހުގެ ނޫސްވެރިން ވަންނަން މަސައްކަތްކޮށްފައިވާތީ އެ ކަން ބަލައި ފިޔަވަޅު އަޅައިދިނުމަށް ކަމާބެހޭ ފަރާތްތަކުގައި އެދޭނެކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފް އިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެ މުއައްސަސާގެ ހުއްދަނެތި އުތުރު ތިލަފަޅުގައިވާ އެމްއެންޑީއެފްގެ ސަރަހައްދަށް ދިޔަރެސްގެ ނޫސްވެރިން އަރަން މަސައްކަތްކުރި ކަމަށެވެ. އަދި އެވަގުތު އެމްއެންޑީއެފްއިން އެ ކަން ހުއްޓުވުމުން ކަން ހިނގައިދިޔަގޮތް އޮޅޭ ގޮތަށް ހަގީގަތާ ޚިލާފު ވާހަކަތައް ދައުރުކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އުތުރުތިލަފަޅުގައި އެމްއެންޑީއެފްގެ ބޭނުންތަކަށް ތަރައްގީކުރަމުން އަންނަ ސަރަހައްދު ފިޔަވައި އެ ފަޅުގެ ބާކީ ސަރަހައްދުތައް ރެސިޑެންޝަލް އޭރިއާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ސަރުކާރުން ރޭގެ ވަގުތެއްގައި ހާމަކޮށްފައިވަނިކޮށް މިއަދުގެ ވަގުތެއްްގައި ދިޔަރެސްގެ ނޫސްވެރިން ލޯންޗެއްގައި ގޮސް ހުއްދަނެތި ސިފައިންގެ ބަނދަރު ތެރެއަށް ވަދެ ވީޑިއޯކޮށް ހުއްދަނެތި އެ ރަށަށް އަރަން މަސައްކަތްކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ފަޅުގައި އެމްއެންޑީއެފްއިން ތަރައްގީކުރަމުން އަންނަ ބަނދަރުގެ މަސައްކަތް ދައްކާލުމަށް ވަރަށް ފަހުން ވެސް އެ ކަމަށް އެދުނު މީޑިއާތަކަށް ފުރުސަތު ފަހިކޮށްދީފައިވަނިކޮށް، އެ ގޮތަށް ހުއްދަ ހޯދުމެއް ނެތި އެ ރަށަށް އަރަން މަސައްކަތްކުރުމަކީ ގާނޫނާއި ގަވާއިދާ ޚިލާފު، ސިފައިންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅުމަށް ހިންގައިފައިވާ ދަށުދަރަޖައިގެ އަމަލެއްކަމަށެވެ. އަދި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.

ސިފައިންގެ މަރުކަޒުތަކަކީ ހުއްދަނެތި ވަނުން މަނާ ތަންތަން ކަމަށާއި އެ ފަދަ ތަނަކަށް ހުއްދަނެތި ބަޔަކު ވަންނަން މަސައްކަތްކުރާނަމަ އެ ކަން ހުއްޓުވުމަކީ ސިފައިންގެ ގާނޫނާއި ގަވާއިދުތަކުން ސިފައިންގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެއްކަމަށް އެ ބަޔާނުގައިވެ އެވެ.

ސިފައިންގެ ބަނދަރު ތަރައްގީކުރަމުން އަންނަ ސަރަހައްދަށް ހުއްދަނެތި އެރުމަށް މަސައްކަތްކުރަމުމުން އެ ކަން ހުއްޓުވުމަށް އެ ރަށުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އެމްއެންޑީއެފް ސާޖެންޓް ފަސްޓް ކްލާސް ރޭންކުގެ ބޭކަލެއް މަސައްކަތްކޮށްފައިވަނީ ވެސް އެ އުސޫލުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އުތުރުތިލަފަޅުގެ ބަނދަރު ސަރަހައްދުގައި ދިޔަރެސްގެ ނޫސްވެރިން ހަރަކާތްތެރިވާ ވީޑިއޯއެއް އެ ނޫހުގެ ބައެއް ނޫސްވެރިން ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.