ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވެގެން ދާނީ ތާރީހުގައި ދެކޭނެ އެންމެ އަދުލުވެރި އިންސާފުވެރި ވެރިކަމަކަށް ކަމަށާއި މުއިއްޒަކީ އަނިޔާވެރިވާނެ ބޭފުޅެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި މުއިއްޒު ލ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ލ. ގަމަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ބޮޑު ޖަލްސާގައި ޝަހީމް ވިދާޅުވީ މި ގައުމުގެ ދައުލަތުގެ ޒައާމަތުގައި ޒަމާނީ ތައުލީމް ލިބިވަޑައިގެންފައިވާ ބޭފުޅަކު ހުންނެވުމަށް ބޭނުންވާ ކަމަށާއި އެ ބޭފުޅަކީ މުއިއްޒު ކަމަށެވެ.
މުއިއްޒާ ދެކޮޅަށް ކުރިއަށް ގެންދާ އެންޓި ކެމްޕެއިންގައި ދައްކަނީ އަނިޔާގެ ވާހަކަ ކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ މުއިއްޒަކީ އެއްވެސް ބޭފުޅަކަށް އަނިޔާއެއް ދެއްވާނެ ބޭފުޅެއް ނޫން ކަމަށެވެ. އެ ބޭފުޅާއަކީ އިސްލާމީ ތަރުބިއްޔަތު ލިބިވަޑައިގެން ތައުލީމީ އާއިލާއެއްގެ ތެރެއިން ނިކުމެ ވަޑައިގެންފައިވާ ބޭފުޅެއް ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން މުއިއްޒު އެއްވެސް ބޭފުޅަކަށް އަނިޔާވެރިވާތީ ކިހިނެއްތޯ ސުވާލު ކުރެއްވި އެވެ.
"އެހެންވީމަ މި ދަންނަވަނީ ދިވެހި ރައްޔިތުންނަށް ޑރ. މުހައްމަދު މުއިއްޒަށް އެންމެ މަތީ ތާއީދު ދެއްވުމަށް. މި ގައުމު ސަލާމާތް ކުރުމަށްޓަކައި. ޒުވާން ޖީލު ސަލާމަތް ކުރުމަށްޓަކައ.ި ކުޑަކުދިންގެ މުސްތަގްބަލް އަމާންކުރުމަށްޓަކައި ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަންވީ،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ މި ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި އެންމެ ބޮޑު ހިތްވަރެއް ދެއްވަމުން ގެންދަވަނީ ރާއްޖޭގެ ޒުވާނުން ކަމަށެވެ. ވަކިން ހާއްސަކޮށް ލ. އަތޮޅުގެ ޒުވާނުން ކަން ފާހަގަކުރެއްވި އެވެ.
"މި ގައުމު ސަލާމާތް ކުރުމަށްޓަކައި ލ. އަތޮޅުން ދޭ ހިއްސާއަކީ އަންނަ އިދިކޮޅުގެ ސަރުކާރަކުން ހަނދާން ނައްތާލާނެ ހިއްސާއެއް ނޫން. ކިހިނެތްތޯ ލ. އަތޮޅު ބާކީވެގެންދާނީ. މި ހަރަކާތުގެ ޒައާންމަތު އޮތީ ތިޔަ ބޭފުޅުންގެ އަތްމަތީގައި،" ޝަހީމް ވިދާޅުވި އެވެ.
ރާއްޖޭގެ ރައްޔިތުން ފަސް ޖެހުމެއްނެތި ހުރިހާ ޕާޓީއެއްގެ ރައްޔިތުން އަތާ އަތް ގުޅައިގެން އެކަތިކަނޑަކަށްވެ މުއިއްޒަށް ވޯޓު ދެއްވުމަށް ޝަހީމް ވަނީ އެދިވަޑައިގެންފަ އެވެ.