ކެނެޑާގެ ރައްޔިތުނގެ ސަލާމަތަކީ އެގައުމުގެ ސަރުކާރަށް އެންމެ މުހިންމު ޒިންމާ ކަމަށާއި ކޮންމެ ފަދަ ހާލަތެއްގައި ވެސް އެންމެ ބޮޑު ސަމާލު ކަމެއް ދޭނެ ކަމަކީ އެއީ ކަމުގައި ކެނެޑާގެ ދިފާއީ ވަޒީރު ވިދާޅު ވެއްޖެ އެވެ.
ދިފާއީ ވަޒީރު ބިލް ބްލެއާ މި މޭރުމުން ވާހަކަފުޅު ދެއްކެވީ އެ ގައުމުގެ ސިކް ރައްޔިތެއް ކަމުގައިވާ ހަރުދީޕް ސިންގް ނިއްޖާރުގެ މަރުގެ މައްސައިގައި އިންޑިއާއާ އެކު ޑިޕްލްމެޓިކް ކޯޅުން ގަނޑެއް އުފެދިފައިވާ ދަނޑިވަޅެއް ގައެވެ.
އިންޑިއާ އާއި ކެނެޑާގެ މެދުގައި މައްސަލަ ހޫނުވީ މިދިޔަ ހަފުތާގައި ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑާ އެ ގައުމުގެ ޕާލަމެންޓުގައި ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ. ޕާލަމެންޓުގައި ވާހަކަފުޅު ދައްކަވަމުން މިސްޓަ ޓުރޫޑާ ވަނީ ކެނެޑާގެ ރައްޔިތަކު ކެނެޑާގެ އަމިއްލަ ފަސްގަނޑުގައި މަރާލި ކަމުގެ ތުހުމަތު އިންޑިއާ ސަރުކާރަށް ކުރެވޭ ކަމުގައި ވިދާޅުވެފަ އެވެ.
ހަރުދީޕް ސިންގް ނިއްޖާރު މަރާލައިފައި ވަނީ ޖޫން މަހުގެ 18 ވަނަ ދުވަހު ވެންކޫވަރުގެ ސިކް ޓެމްޕަލެއްގެ ބޭރުން އޭނާގެ ގަޔަށް ބަޑި ޖަހައިގެންނެވެ. ކެނެޑާގެ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މާސްކް އަޅައިގެން ތިބި ދެ މީހަކު ދިން ހަމަލާގައި ހަރުދީޕް ސިންގްގެ ގަޔަށް ތިރީހާ ފަންސާހާ ދެމެދުގެ އަދަދަކަށް ވަޒަން އަރައިފައިވެ އެވެ.
ގްލޯބަލް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ޑިފެންސް މިނިސްޓަ ބްލެއާ ވިދާޅުވެފައިވާ ގޮތުގައި މި މައްސަލައަކީ ވަރަށް ނާޒުކު މައްސަލައެކެވެ. މައްސަލަ ކުރިއަށް ގެންދިއުމުގައި ކެނެޑާގެ ގާނޫނުތަކާއި ޑިމޮކްރެޓިކް ހަމަތައް ހިފެހެއްޓުމާ އެކު އެ ގައުމުގެ ރައްޔިތުންގެ ސަލާމަތަށް އިސްކަން ދެވޭނެ އެވެ. ހަމައެފަދައިން އިންޑިއާއާ އެކު އޮންނަ ގުޅުމަށް ބުރޫ ނާރައި މައްސަލައިގެ ފުނަށް ގޮސް ތެދު ހާމާވުމަކީ ވެސް އޭނާގެ އެދުމެވެ. ބްލެއާ އިތުރަށް ވިދާޅުވި ގޮތުގައި މިހާރު ތުހުމަތު ކުރެވިފައިވާ ގޮތަށް މައްސަލަ ސާބިތު ވެއްޖެ ނަމަ އެކަން ވާނީ ކެނެޑާގެ މިނިވަން ކަމާއި އިސްތިގުލާލަށް ބޭރުގެ ގައުމަކުން އަރައިގައތުން ކަމުގަ އެވެ.
ހަރުދީޕް ސިންގްގެ މަރުގެ މައްސަލައިގައި ކެނެޑާ އާއި އިންޑިއާ އިން ވަނީ އެއްގައުމުން އަނެއް ގައުމުގެ ޑިޕްލޮމެޓުން ފޮނުވައިލުމުގެ ހަރަކާތްތަކެއް ހިންގައިފައިއެވެ. އޭގެ އިތުރުން އިންޑިއާ އިން މިހާރު ވަނީ ކެނެޑާގެ ރައްޔިތުންނަށް ވިސާ ދިނުން ހުއްޓާލައިފައި އެވެ.