ނަފްރަތާއި ހަސަދައިން އެއްކިބާވެ އަނެކުންނަށް އިހްތިރާމްކޮށް، މުޖްތަމައަށް ހިނިތުންވުން ގެނެސްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ކީރިތި ރަސޫލާގެ އީދު މީލާދުގެ މުނާސަބާގައި އެމަނިކުފާނު މިއަދު ފޮނުއްވި ހިތޯބުގައި ރައީސް ވިދާޅުވީ ކީރިތި ރަސޫލާ ދުނިޔެއަށް ސާބިތުކޮށްދެއްވި އެންމެ ބޮޑު ހަގީގަތަކީ މުޖްތަމައު އިސްލާހު ކުރުމުގެ ބިންގަލަކީ ކޮންމެ ކަމެއް ވެސް ތިމާގެ އަމިއްލަ ނަފްސުން ފެށުން ކަމަށެވެ.
"މީސްތަކުން ކުރުމަށް އެކަލޭގެފާނު އަމުރު ކުރެއްވި ކޮންމެ ކަމެއްގައި، އެންމެ ފުރަތަމަ ނަމޫނާ ދެއްކެވީ އެކަލޭގެފާނެވެ. މީސްތަކުންނަށް ނަހީ ކުރެއްވި ކޮންމެ ކަމަކުން، އެންމެ ފުރަތަމަ ދުރުހެލިވެވަޑައިގަތީ ވެސް ހަމަ އެކަލޭގެފާނެވެ. އެކަލޭގެފާނުގެ ކޮންމެ ބަސްފުޅަކާއި ކޮންމެ ޢަމަލުފުޅަކުން ފެންނަން އޮތީ، އަހްލާގީ އެންމެ މާތް ސިފަތަކެވެ. އަނެކުންނަށް އިހްތިރާމް ކުރުމާއި އޯގާތެރިވުމާއި އަފޫ ކުރެއްވުމާއި އެހީތެރިވުމުގައި އެއަށްވުރެ ވަކިން ފުރިހަމަ މިސާލެއް ނެތް ފަދައިން އެކަންކަން ކުރެއްވިއެވެ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މިއަދު ދިވެހި މުޖުތަމައު އެދި ގޮވަނީ މިފަދަ ރިވެތި އަހުލާގީ ސިފަތަކުން އިޖްތިމާއީ ދިރުން އާލާ ކުރުމާއި ދެކޮޅުވެރިކަން ދޫކޮށް އަނެކުންނަށް މާފް ކުރުމާ އެކު ސުލްހަވެރިކަން ފެތުރުމަށެވެ.
"ނަފްރަތާއި ހަސަދައިން އެއްކިބާވެ އަނެކުންނަށް އިހްތިރާމްކޮށް، މުޖްތަމައަށް ހިނިތުންވުން ގެނެސްދިނުމަށެވެ. ލިބިފައިވާ ނިއުމަތްތަކަށް ޝުކުރުވެރިވާ ހާލު އަނެކުންނަށް އެހީތެރިކަން ފޯރުވައި، އިންސާނީ އަހުވަންތަކަން ގާއިމުކުރުމަށެވެ. އަނިޔާވެރިކަމާއި ދެކޮޅުވެރިކަމަށް ހުރިހާ ހާލަތެއްގައި ވެސް ނޫނެކޭ ބުނެ، ކޮންމެ ޙާލަތެއްގައި ވެސް ސުލްހަޔާއި ހަމަޖެހުމާއި އަމާންކަމަށް އިސްކަން ދިނުމަށެވެ." ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ ކީރިތި ރަސޫލާ އަމަލީ ގޮތުން ދެއްކެވި އަދަބު އަހްލާގުގެ މަތިވެރި ސިފަތަކުގައި ހިފައިގެން އަމިއްލަ ދިރިއުޅުން ބާއްޖަވެރިކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާފައެވެ. އެގޮތުން މައިންބަފައިންނަށް ކަމޭހިތުމާއި އެއްބަނޑުއެއްބަފާކަމުގެ ގުޅުން ދެމެހެއްޓުމާއި އިޖްތިމާއީ ގުޅުންތައް ބަދަހިކުރުމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ، ނަބަވީ ރިސާލަތުގެ އެންމެ މުހިންމު އަސާސްތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ހިތޯބުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށާއި އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި އިސްލާމީ ޖަމްއިއްޔާތަކާއި ޖަމާއަތްތަކުގެ ވެރިންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންނަށް މި މުނާސަބާގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.