އަލަށް އިންތިހާބުވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އާ ޕްރޮޖެކްޓްތައް ނުފެށުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިލްތިމާސްކޮށްފި އެވެ.

އެ ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ރިޔާސީ އިންތިޚާބު ނިމި، ވެރިކަން ހިންގުމުގެ ބާރާ، އާ ސަރުކާރަކުން ހަވާލުވުމުގެ ވަގުތު ކައިރިވަމުން ދާ މިދަނޑިވަޅުގައި، ބައެއް ފަރާތްތަކުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުއްލި ކަންތައްތަކެއް ކުރުމަށް ނިންމަމުން ގެންދާ ކަމުގެ ގިނަ ޝަކުވާތަކެއް އެ ކޮމިޝަނަށް ލިބެމުންދާ ކަމަށެވެ.

އެހެންވެ ސަރުކާރުގެ އޮފީސްތަކާއި، ދައުލަތުގެ އިދާރާތަކާއި، މުއައްސަސާތަކާއި، ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަކި ގޮތްތަކަކަށް އަމަލުކުރުމަށް އެ ކޮމިޝަނުން ވަނީ އަންގާފަ އެވެ.

އެގޮތުން މުޅިން އާ ޕްރޮޖެކްޓެއް ނުފެށުމަށާއި ޚަރަދުކުރުމުގައި، ކޮރަޕްޝަނަށް މަގުފަހިވެދާނެ ގޮތްތަކަށް އަމަލުނުކުރުމަށް އެ ކޮމިޝަނުން އެންގި އެވެ. އަދި ކުރަންޖެހޭ ޚަރަދުތައް ފިޔަވައި، އަލަށް ކަންކަން ނިންމައިގެން ޚަރަދުނުކުރަން ވެސް ވަނީ އަންގާފަ އެވެ.

ކުރިން ބަޖެޓްކޮށްފައިނުވާ ނުވަތަ ކުރިން ޕްލޭންކޮށްފައިނުވާ އާ ޕްރޮޖެކްޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިނުކުރަން ވެސް ވަނީ އަންގާފަ އެވެ.

ނިންމާ ނިންމުމެއްގެ ސަބަބުން ކޮރަޕްޝަނުގެ އަމަލަކަށް މަގުފަހިވާ ގޮތަކަށް ކަމެއް މެދުވެރިވެދާނެ އިހުތިމާލު އޮންނަނަމަ އެ ފަދަ ނިންމުންތައް ނުނިންމުންމުމަށް ވެސް ވަނީ އަންގާފަ އެވެ.

މީގެއިތުރުން ލިޔެކިއުން ރައްކާތެރިކަމާއެކު ބެލެހެއްޓުމާއެކު، އަދި ފައިސާއާއި، ވިޔަފާރިއާއި މުއާމަލާތްތަކާ ގުޅުންހުރި އެއްވެސް ލިޔެކިއުމެއް ނައްތައިނުލުމަށް ވެސް ވަނީ އަންގާފަ އެވެ.

އެފަދަ އަމަލެއް ހިނގާކަމުގެ މައުލޫމާތު ލިބިއްޖެނަމަ އެމައުލޫމާތު ކޮމިޝަނާ ހިއްސާކޮށްދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

" ކޮމިޝަނުން މި ގެންދަނީ އެ ފަދަ ކަންކަމަށް ފާރަވެރިވެ، ތަހުގީގުކުރަން ޖެހޭ ކަންކަން ދެނެގަނެ ފިޔަވަޅު އަޅަމުންނެވެ. އަދި، ކޮމިޝަނުން، އެފަދަ ޢަމަލުތައް ހުއްޓުވައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަޤީންކަން ދިވެހިރައްޔިތުންނަށް މިފުރުސަތުގައި އަރުވަމެވެ." އޭސީސީން ނެރުނު ބަޔާނުގައިވެ އެވެ.