އިންޑިއާ ސަރުކާރުން އެއްބާރުލުން ނުލިބޭ ކަމަށް ބުނެ އެ ގައުމުގައި ހުންނަ އަފްޣާނިސްތާނުގެ އެމްބަސީ ބަންދު ކުރަން އުޅޭ ކަމުގައި އެ އެމްބަސީން ބުނެފި އެވެ.

ދުނިޔޭގެ އެހެން ގައުމު ތަކެކޭ އެއްފަދައިން އިންޑިއާގައި ހުންނަ އަފްޣާނިސްތާނުގެ އެމްބަސީގައި ވެސް ތިބީ އެ ގައުމުގައި ތާލިބާނުންގެ ސަރުކާރު އައުމުގެ ކުރިން އޮތް ހުޅަނގާ ގުޅުން ބޮޑު ސަރުކާރުގެ ޑިޕްލޮމެޓުންނެވެ.

އިންޑިއާ އިން މިހާތަނަށް ތާލިބާނުންގެ ސަރުކާރު ގަބޫލެއް ނުކުރޭ އެވެ. އެ ގައުމުން ބުނަމުން އަންނަނީ ޔޫއެންގައި އެހެން ގައުމުތަކުން ހަދާ ގޮތަކަށް ބަލައިގެން ތިބި ކަމުގަ އެވެ. އެކަމަކު އިންޑިއާ އިން އެ ގައުމުގައި ތިބި އަފްޣާން ޑިޕްލޮމެޓުންނަށް ދޭންވާ އެއްބާރުލުން ވެސް ނުދޭ އެވެ. އދި އެމްބަސީގެ ބައެއް އެކައުންޓުތައް ވެސް ވަނީ ފްރީޒްކޮށްފަ އެވެ.

އަފްޣާނުގެ ކުރީ ސަރުކާރުން އައްޔަންކޮށްފައިވާ ޑިޕްލޮމޭޓުންނާއި ތާލިބާނުން އައްޔަން ކޮށްފައިވާ ފަރާތްތަކާމެދުގައި އިންޑިޔާގައި ކޯޅުންގަނޑެއް ހިނގާތާ މަހެއްހާ ދުވަސް ވެއްޖެ އެވެ. އިންޑިއާ އިން ބުނަމުން އައިސްފައި ވަނީ އެ މައްސަލައަކީ އަފްޣާނިސްތާނުން ހަމަޖައްސަން ޖެހޭ ކަމެއް ކަމުގަ އެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް އަފްޣާން އެމްބަސީގެ ޑިޕްލޮމޭޓަކު ނޫސްތަކަށް ކިޔައިދިން ގޮތުގައި އިންޑިއާ ސަރުކާރުން މިހާރު ގެންދަނީ ތާލިބާނުންގެ ސަރުކާރު ބަލައިގަންނަން ތައްޔާރު ވަމުންނެވެ. އޭނާ ބުނި ގޮތުގައި ދާދި ފަހުން ޗައިނާއިން އަފްޣާނިސްތާނުގައި އެމްބަސީއެއް ހުޅުވުމަކީ އިންޑިޔާ އަށް ފަސޭހައިން ހަޖަމު ކުރެވޭނެ ކަމަކަށް ނުވާނެ އެވެ.

އެމްބަސީ އިން ނެރުނު ނޫސް ބަޔާނެއްގައިވާ ގޮތުގައި އިމަޖެންސީ ހަރަކާތްތައް ފިޔަވައި އެ އެމްބަސީގެ ހުރިހާ ހަރަކާތެއް މި ވަގުތު ވަނީ ހުއްޓާލަން ޖެހިފަ އެވެ. ސަބަބެއް ކަމުގައި ބުނީ އިންޑިޔާ ސަރުކާރުން ލިބެން ޖެހޭ ޒަރޫރީ އެހީތެރިކަން ނުލިބުމެވެ.

ނަން ހާމަނުކުރުރަން ޝަރުތުކޮށް ބައެއް ޑިޕލޮމެޓުން ބުނެފައިވާ ގޮތުގައި އިންޑިއާއިން ވަނީ އަފްޣާނިސްތާނުގެ އެމްބަސީގެ މިހާރުގެ ޑިޕްލޮމެޓުންގެ ވިސާ އާކޮށް ދިނުމަށް ދެކޮޅު ހަދައިފަ އެވެ.