ރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ބަދަލުކުރުމަށް ކުރާ މަސައްކަތް މިވަގުތު މަޑުޖައްސާލާ، އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒަށް ވެރިކަން ކުރުމުގެ ފުރުސަތު ދެއްވުމަށް ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރިޔާސީ ނިޒާމެއްގައި ވެރިކަން ކުރުމުގެ ފުރުސަތު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދޭން ޑިމޮކްރެޓްސް ނިންމައި އެކަން އެމަނިކުފާނަށް ދަންނަވާފައިވާނެ ކަމަށެވެ. އެކަމަކު، ނިޒާމު ބަދަލުކުރުމުގެ ވާހަކަ ރައްޔިތުންގެ މެދުގައި ފިލާ ނުދާ ކަން މުއިއްޒަށް ދެންނެވި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑު ވެސް އަދި އެ ވޯޓަށް އެދުނު ޑިމޮކްރެޓްސް ޕާޓީގެ މެންބަރުން ވެސް އެދެނީ، އެ މަސައްކަތް މި ވަގުތު ނުކޮށް، ޑިމޮކްރެޓްސް ޕާޓީން އެދެނީ، ޑރ. މުއިއްޒުގެ ސަރުކާރު އެކުލަވާލެވި، އެ ސަރުކާރުން ރިޔާސީ ނިޒާމުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް،" ނަޝީދު މިއަދު ވިދާޅުވި އެވެ.

ނިޒާމީ ވޯޓުގެ ކަންކަން މަޑުޖައްސާލުމަށް ނިންމެވި ނަމަވެސް އެ މަސައްކަތް ފަހުން ކުރުމަށް ވާހަކަ ދެކެވުނު ކަމަށާއި އެކަމަށް ޑރ. މުއިއްޒު ވެސް ތާއީދު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ނަމަވެސް އަޅުގަނޑު ދެންނެވިން ނިޒާމީ ވާހަކަ ސިޔާސީ މަސްރަހުން އަދި ދިވެހި މުޖްތަމައުގެ ތެރެއިން ފިލައެއް ނުދެޔޭ. އެހެންވީމާ މިކަމާ ގުޅޭ ގޮތުން މަސައްކަތް ކުރެއްވުމަށް އަޅުގަނޑު އެދެނީ. އެދުނީމާ ވިދާޅުވި އިން ޑިއު ކޯސް ވީ ކޭން ސާކަލް ބެކް ޓު އިޓް އެންޑް އާސްކް ދަ ޕަބްލިކް،" ނަޝީދު ވިދާޅުވި އެވެ.

މިއާއެކު ރައީސް ނަޝީދު ވަނީ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ނިޒާމީ ވޯޓުގެ މަސައްކަތް ނުކުރައްވާ ދޫކޮށްލާފަ އެވެ.

ޑިމޮކްރެޓްސްއިން ހުށަހެޅި ބިލުގައި ވަނީ އޮކްޓޯބަރު 30، ގެ ކުރިން ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެފަދަ ވޯޓެއް ނުނެގޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ބުނެފަ އެވެ.

ރައީސް ނަޝީދު ވިސްނުން ބަދަލުކޮށްފައިވާއިރު ރޭ އެމްޑީޕީއިން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރުމަށް ނިންމާފަ އެވެ. އަދި ރޭގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފޑުވިދާޅުވެ އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ވާހަކަ ދައްކަވާފަ އެވެ.