ފިލިޕީންސްގެ ވެރިރަށް މެނީލާގެ އެންމެ ބައިބޯ ހިސާބުގައި ހުންނަ ވޯލްޑްވައިޑް ކޯޕަރޭޓް ސެންޓަރުގެ ބޭރުގައި ކަޅާއި ރީނދޫ ކުލައިގެ ވެސްޓެއް ލައިގެން ބުޅަލެއް އުޅެ އެވެ.

މިއީ އާދައިގެ މަންޒަރެއް ހެން އަހަރުމެންނަށް ހީވިޔަސް އެ ބުޅަލަކީ ވަރަށް ޒިންމާދާރު ވަޒީފާއެއް ދެވިފައިވާ ބުޅަލެކެވެ. އެއީ އެ އިމާރާތުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ޓީމުގެ މެމްބަރެކެވެ.

ފިލިޕީންސްގެ ސެކިއުރިޓީ ގާޑުންގެ ޓީމަކުން އުމުރުން ހަ މަހުގެ އެ ބުޅާ އެ ޓީމުގެ މެމްބަރަކަށް ހަދާފައިވަނީ އެ ބުޅާ އޭގެ ކުރިން ގެންގުޅުނު މީހާ މަރުވުމުންނެވެ.

ދެވިފައިވާ ވަޒީފާއަށް މާ ބޮޑު ސަމާލުކަމެއް ނުދިނަސް ކޮނަން ނަމަކަށް ކިޔާ އެ ބުޅާ އެ މީހުންނާއެކު ޑިއުޓީގައި އުޅުމަކީ އެމީހުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކޮށްދޭ ކަމެއް ކަމަށް ސެކިއުރިޓީ އޮފިޝަލުން ބުނެ އެވެ.

"ކޮނަން ނޫޅޭނަމަ އަހަރެން ވަޒީފާގައި އުޅޭ ހިތެއް ނުވޭ." ސެކިއުރިޓީ ގާޑަކު ބުނެފައިވެ އެވެ.

މިއާއެކު ގިނަ ބަޔަކު އަންނަނީ އެއީ ހަގީގީ ދިރިއުޅުމުގެ ޕޯ ޕެޓްރޯލް ކަމަށް ބުނެ އިންޓަނެޓް ގައި ޝުއޫރު ފާޅު ކުރަމުންނެވެ. ޕޯ ޕަޓްރޯލްއަކީ ޖަނަވާރުން އުޅޭ ކުޑަކުދިންގެ ކާޓޫނެކެވެ.