މިދިޔަ އަހަރު ތ. ތިމަރަފުށީ ދޯންޏަކުންނާއި އެ ރަށުން ހައްޔަރުކުރި މީހުން ތިމަރަފުށީގައި ހުންނަ ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާން ހަދަމުން ދަނިކޮށް ސްކޫލްގެ ލެބޯޓަރީ ގޮއްވާލަން އެ މީހުން ރޭވި ކަމަށް ފުލުހުން މިއަދު ބުނެ ފިއެވެ.

ފުލުހުން މިއަދު ހާމަކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން އެ ރަށުން ހައްޔަރުކުރި ހަރުކަށި ފިކުރުގެ މީހުންނާ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިސިސްއާ ގުޅުން އޮވެ އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ތިބި މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އިއްޔެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށާއި މިމައްސަލައިގައި ތުހުމަތުކުރެވޭ އިތުރު ބައެއް މީހުން ތިބުމާއެކު އެ މީހުންގެ މައްސަލަތައް އަދިވެސް ތަހުގީގުކުރަމުން އަންނަ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެ އެވެ.

މިމައްސަލައިގައި ދައުވާކުރަނީ

  1. އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި، ފެހިވިދުވަރު
  2. އަހްސަން މުހައްމަދު، ތ. ތިމަރަފުށި، ކެނެރީގެ
  3. މުހައްމަދު އާސިރު، ތ. ތިމަރަފުށި، އަސުރުމާގެ
  4. އަލީ އަރުހަމް މުހައްމަދު، ރ. ކަނދޮޅުދޫ
  5. ފެހިވިލާ، ޝަމާހް ޝަރީފް، ތ. ތިމަރަފުށި، ސައިމާ

ޓެރަރިޒަމުގެ އަމަލުތަކެއް ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތެރޭ އޮޕަރޭޝަނެއް ހިންގައި އެންމެ ފުރަތަމަ ބަޔަކު ހައްޔަރުކުރީ މާލެ ކައިރީގައި އޮތް "ނަސާހް 3" ކިޔާ ދޯންޏަކުންނެވެ.

ފުލުހުން ބުނެފައި ވަނީ މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހަކު އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކޮށް، އެޖަމާއަތުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓެލެގްރާމްގެ އެކި ޗެނަލްތަކުގައި ފަންޑް ރެއިސްކުރުމުގެ އެކި ހަރަކާތްތައް ހިންގައި، އެކިފަރާތްތައް މެދުވެރިކޮށް ސީރިޔާއަށް ފައިސާ ފޮނުވާ، ރާއްޖޭގައި ލިބެންހުރި ގަސްކާނާއިން އެމޯނިއަމް ނައިޓްރޭޓް ވަކިކޮށް ހަމަލާއެއް ދިނުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ދޯނިންނާއި މާލެއިން އަދި ތިމަރަފުށިން ހައްޔަރުކުރި ހަ މީހުންނާ ބެހޭ ގޮތުން ފުލުހުން ބުނީ މި މީހުންގެ ތެރޭގައި އައިސިސް އިން "އަމީރު" ކަމަށް ކަނޑައަޅާފައިވާ މީހަކު އިސްކޮށް ހުންނަ ކަމަށާއި ގޮވާތަކެތި ހަދާނެ ގޮތުގެ މެނުއަލްތައް ވެސް، ހައްޔަރުކުރި މީހުންގެ އަތުން ފެނިފައިވާ ކަމަށެވެ.

އެ ފަރާތްތަކުން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއްދިނުމަށް ހިއްވަރުލިބިގަތީ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ފަރާތުން "ޖަޒީރާގެ ޒުވާނުން" ނަށް މުހާތަބުކޮށް ދީފައިވާ މެސެޖަކާ ގުޅިގެންކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ތަރުޖަމާނުގެ ޚިޠާބާ ގުޅިގެން، ރާއްޖޭގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކުރާ ފަރާތްތަކުން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ތައްޔާރުވަމުން ގޮސްފައިވާ ކަމަށާއި 2020 ވަނަ އަހަރު ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާނު ހަދަމުންދާ ވަގުތާ ދިމާކޮށް އެ ސްކޫލްގެ ލެބޯޓަރީ ގޮއްވާލުމަށް ރޭވިކަމަށާއި މިދުވަސްވަރު ސްކޫލްގެ ލެބޯޓަރީގެ ކެމިކަލް ރައްކާކުރާ ގުދަން ފަޅާލާފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.

ހަރުކަށި ފިކުރު ގަބޫލުކޮށް އެ ފިކުރު ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ކުޑަކުދިންނަށާއި، ދަތި ހާލުގައި އުޅޭ މީހުންނަށާއި، ކުށްކުރާ މީހުންގެ ތެރެއިން ފައިސާއަށް ހެއްލޭ ކުދިންނަށް އަމާޒުކޮށްގެން ފުރަތަމަ ކުރާ ކަމަކީ ދީނީ ކަންކަމަށް ހިތްވަރު ދިނުން ކަމަށް ވިޔަސް އޭގެ ފަހުން، މިސްކިތުގެ ޖަމާއަތަށް އަރަން ނުޖެހޭނެކަމަށާއި ސަރުކާރުން ކަނޑައަޅާ އިމާމުންގެ ފަހަތުގައި ނަމާދުކުރުން ހުއްދަ ނުވާނެ ކަމަށް ބުނެ ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރުވުމަށް ބާރުއަޅާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި ދީނީގޮތުން ޚިލާފު އުފެދޭ އެކި ބާވަތުގެ ވީޑިއޯތައް ދައްކާ، ހަރުކަށި ފިކުރާއި ގުޅުންހުރި ޕްރިންޓްކޮށްފައިވާ އެކި ފޮތްތައް އެފަރާތްތަކާއި ހަވާލުކޮށް އެ ކިޔުމަށް ބާރުއަޅައި، ހަރުކަށި ފިކުރުގެ ފަރާތްތަކުން ކުރިއަށްގެންދާ ދަރުސްތަކާއި، ކްލާސްތަކުގައި ބައިވެރިވުމަށް ބާރުއަޅާ ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެ އެވެ.