ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އެ ޕާޓީ ދޫކޮށް ޕީއެންސީ އަށް ސޮއިކުރެއްވި ވާހަކަ ދޮގު ކުރައްވައިފި އެވެ.
ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާ އެކު ހުންނަވައި ޣަފޫރު ޕާޓީ ފޯމެއްގައި ސޮއި ކުރައްވާ ފޮޓޯ މިރޭ ސޯޝަލް މީޑިއާގައި ދައުރުވި އެވެ. އެއާއެކު، ގަޕޯއަކީ "ޣައްދާރެއް" އަދި "ދެފުއްކެހެރި" އެއް ކަމަށް އެމްޑީޕީގެ މެމްބަރުން ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ފާޑު ވެސް ކިއާފައިވެ އެވެ.
މެންބަޝިޕް ފޯމެއްގައި ޣަފޫރު ސޮއިކުރައްވާއިރު އަރިހުގައި އިންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގައިވެސް ޣަފޫރުގެ އަރިހުގައި އިންނަވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެވެ.
އެކަމަކު، ގަޕޯ "ހުރިހާ" އަށް ވިދާޅުވީ އޭނާ އެމްޑީޕީއާ ވަކިވެވަޑައިގެން ޕީއެންސީއާ ގުޅިވަޑައިގެންނެވި ވާހަކައަކީ ދޮގެއް ކަމަށެވެ. އަދި އެމްޑީޕީގައި ހުންނެވީ ގަދަކޮށް ކަމަށާއި އެ ޕާޓީން ވަކިވެވަޑައިގަތުމުގެ ވިސްނުމެއް އެއްވެސް އިރެއްގައި ނުގެންގުޅުއްވާ ކަމަށް ވިދާޅުވި އެވެ.
ޣަފޫރަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހަށް އިންތިޚާބު ކާމިޔާބު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.ކުރިން ސިފައިންގޭގައި، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސެކިއުރިޓީ ގާޑަކަށް ވެސް އުޅުއްވި ޣަފޫރު އެމްޑީޕީގައި އުޅުއްވާތާ ވަރަށް ގިނަ ދުވަސްވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ޣަފޫރު ފާހަގަކުރެވެނީ އެމްޑީޕީއާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ދިފާއުގައި އެންމެ ވަރުގަދައަށް ވަކާލާތު ކުރައްވާ މެންބަރުގެ ގޮތުގައެވެ.