މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ތެރެއިން 4،000 މީހުންނާ އެކު ކޮންޓްރެކްޓް ހެދުމުގެ މަސައްކަތްތައް ނޮވެމްބަރު 17ގެ ކުރިން ނިންމާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް އެދި ހުށަހެޅުމުން 20،697 މީހުން ފޯމު ހުށަހަޅާފައިވެ އެވެ. މީގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓަށް 6،208 މީހުން އަދި ތިން ކޮޓަރީގެ ފްލެޓަށް 14،489 މީހުން ހުށަހަޅާފައިވެ އެވެ. ސަރުކާރުން ނިންމާފައި ވަނީ ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ދިނުމަށެވެ. އެހެން ކަމުން ޝަރުތު ހަމަވާ 13،500 މީހުންނަށް ފްލެޓް ދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ލިސްޓް ތަރުތީބުކުރުމާއި ގުޅޭ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. ނަމަވެސް ތަރުތީބުކޮށް، ފައިނަލް ލިސްޓް މިހާތަނަށް ނެރެފައި ނުވާ ކަމަށެވެ.

އަކްރަމް ވިދާޅުވީ، މިހާރު ނިމެމުންދާ 4،000 ޔުނިޓް ލިބޭ މީހުންގެ ލިސްޓް ވަރަށް އަވަހަށް ޔަޤީންވާނެ ކަމަށެވެ. އެގޮތުން އަންނަ މަހުގެ 17 ގެ ކުރިން އެ ލިސްޓް ނެރެ، 4،000 ޔުނިޓްގެ މަޝްރޫޢު އިން ފްލެޓް ލިބޭ މީހުންނާ އެކު ކޮންޓްރެކްޓްގައި ސޮއިކޮށް ވެސް ނިންމާނެ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސަރުކާރުން ފަހި ދިރިއުޅުން ކޯރޕަރޭޝަން، އެފް.ޑީ.ސީއާ ހަވާލުކޮށްގެން ތަރައްޤީކުރާ 4،000 ހައުސިން ޔުނިޓްގެ ކޮންސްޓަރަކްޝަން މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ ދެ ކުންފުންޏަކުންނެވެ. މި ހައުސިންގ ޔުނިޓްތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއިން ތަރައްޤީކުރާ 2،000 ޔުނިޓާއި އެންބީސީސީއާ ހަވާލުކޮށްފައިވާ 2،000 ޔުނިޓެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތްތަކަށް ބަލާއިރު، މިހާރު ވަނީ ހަ ޓަވަރުގެ ކޮންކްރީޓް ހުރިހާ މަސައްކަތްތައް ނިންމާފަ އެވެ. ހަތަރު ޓަވަރުގެ ފިނިޝިން މަސައްކަތުގެ 60 ޕަސެންޓް ވަނީ ނިމިފަ އެވެ.

މި މުޅި މަޝްރޫޢުގެ މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކޮށްފައި ވަނީ އަންނަ އަހަރުގެ ތެރޭގައި ޕްރޮޖެކްޓް މުޅިން ނިންމާ ގޮތަށެވެ.

މި މަޝްރޫޢުގައި ތަރައްޤީކުރަނީ ދެ ކޮޓަރިއާއި އަދި ތިން ކޮޓަރީގެ ޔުނިޓްތަކެކެވެ. މި ފްލެޓްތައް އޭގެ ޙައްގުވެރިންނާ ހަވާލުކުރާނީ، ފިނިޝިންގެ ހުރިހާ މަސައްކަތްތައް ވެސް ނިންމުމަށް ފަހުގަ އެވެ. މި ޕްރޮޖެކްޓްގައި ޖުމްލަ 32 ޓަވަރު ހިމެނެ އެވެ.