އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް 50 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން މިގޮތަށް ލަފާކޮށްފައިވަނީ މަޖިލީހަށް ހުށަހެޅި ފިސްކަލް ސްޓްރެޓެޖީ ރިޕޯޓްގަ އެވެ.
އެރިޕޯޓްގައިވާ ގޮތުން އަންނަ އަހަރު ޖުމުލަ ހަރަދު 48 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކުރެވޭއިރު ރިކަރަންޓް ހަރަދަށް 33 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.
އަދި ކެޕިޓަލް ހަރަދަކީ 14.9 ބިލިއަންކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ. އަދި ހަރަދު ކުޑަކުރަން ހުށަހަޅާފައިވާ ފިޔަވަޅުތައް ތަންފީޒުވުމުން ހަރަދުތައް 2025 ވަނަ އަހަރު 44.9 ބިލިއަން ރުފިޔާއަށް ކުޑަވާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުން އަންނަ އަހަރުގެ ބަޖެޓު ދަރަނި އުޅޭގީ ގާތްގަނޑަކަށް 9.8 ބިލިއަން ރުފިޔާ ގަ އެވެ. ރިކަރަންޓް ހަރަދުގެ ގޮތުގައި ގާތްގަނޑަށް 33 ބިލިއަން ރުފިޔާ ހޭދަކުރާނެ ކަމަށް ލަފާކޮށްފައިވާއިރު ތަރައްގީގެ މަޝްރޫއުތަކަށް 15 ބިލިއަން ރުފިޔާ ވަރު ހަރަދުކުރުމަށް ނިންމާފައިވެ އެވެ.
އަންނަ އަހަރު ވެސް ދައުލަތުގެ ދަރަނި ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ މި އަހަރާ ދާދި އެއްވަރެއްގަ އެވެ. އެއީ 111 ބިލިއަން ރުފިޔާ އެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓަކީ 42.8 ބިލިއަން ރުފިޔާ އެވެ.