ވޮޝިންޓަން (27 ޖެނުއަރީ)- އެމެރިކާގެ އާ ރައީސް ޖޯ ބައިޑެން ސަރުކާރުން ފަލަސްތީނާއެކު އަލުން ގުޅުން ގާއިމްކޮށް އަދި ފަލަސްތީނަށް އެހީވުމުގެ ޕްރޮގްރާމް އަލުން ފެއްޓުމަށް ނިންމާފައިވާ ކަމަށް ބުނެފި އެވެ.

އދ. އަށް ކަނޑައަޅާފައި ހުންނަ އެމެރިކާގެ އެކްޓިން އެމްބެސެޑަރު ރިޗާޑް މިލްސް ވިދާޅުވި ގޮތުގައި އެމެރިކާގެ އާ ސިޔާސަތަކީ އިޒްރޭލްއަކީ ޑިމޮކްރެޓިކް ސްޓޭޓެއްގެ ގޮތުގައި ދެމިއޮތުމަށް މަސައްކަތްކޮށް އަދި ހަމަ އެހެންމެ ފަލަސްތީނުގެ ރައްޔަތުންނަށް ވެސް އެ މީހުންގެ އަމިއްލަ ގައުމުގައި މިނިވަންކަމާއި ރައްކާތެރިކަމުގައި ދިރިއުޅެވޭނެ މާހައުލެއް ގާއިމްކުރުމަށް މަސައްކަތްކުރުމެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުގައި އެމެރިކާއިން ވަނީ އދ ގެ ރިލީފް އެންޑް ވޯކްސް އެޖެންސީއަށް ދެމުންދިޔަ އިނާޔަތްތަކާއި އެހީތަށް މެދުކަނޑާލާފަ އެވެ.

މި އެޖެންސީއަކީ ފަލަސްތީނުގެ ތައުލީމާއި، ސިއްހީ ދާއިރާ އަދި ފަލަސްތީނުގެ ރެފިއުޖީންނަށް ބޭނުންވާ އެހީތަށް ފޯރުކޮށްދެމުން ދިޔަ އެޖެންސީ އެވެ. އެކަމުގެ ސަބަބުން ފަލަސްތީނުގެ ގިނަ ބަޔަކަށް ވަނީ މިކަމުގެ އަސަރުކޮށްފަ އެވެ. އަދި މީގެ އިތުރުން ވޮޝިންޓަންގައި ހުންނަ ފަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން އޮފީސް ބަންދުކޮށް، ސުލްހަ ގާއިމްކުރުމުގެ ނަމުގައި އިޒްރާއީލަށް ފައިދާވާނެ ގޮތަކަށް ހުށަހެޅުމެއް ހުށަހަޅާފަ އެވެ. ފަލަސްތީނުން ވަނީ އެ ހުށަހެޅުން ގަބޫލުކުރުމަށް ދެކޮޅު ހަދާފަ އެވެ.

މިލްސް ވިދާޅުވީ ބައިޑެންގެ ސަރުކާރުން މަސައްކަތްކުރާނީ އިޒްރާއިލާއި ފަލަސްތީނުގެ ރައްޔަތުން ވެސް ސުލްހަވެރިކަމާއެކު، ދެ ފަރާތް އެއްބަސްވާނެ ގޮތަކަށް ހިތްހަމަޖެހުމާއެކު އުޅެވޭނެ މާހައުލެއް ގާއިމްކުރުމަށެވެ. އަދި މިކަންކަން ކުރުމަށް ދެ ފަރާތުން ވެސް އެހީތެރިވުމަށް އެދޭ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ ތެރޭގައި އިޒްރޭލުން ކުރިއަށްގެންދާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުމުގެ ޕްރޮގްރާމްތަށް ހުއްޓާލުމާއި، ފަލަސްތީނުގެ ގެތައް ފުނޑުފުނޑުކުރުމާއި ހަމަނުޖެހުން ހިންގުމަށް ހިތްވަރުދިނުން ފަދަ ކަންކަން ކުރުން ހުއްޓާލުން ހިމެނެ އެވެ.

ފަލަސްތީނުގެ ފޮރިން މިނިސްޓަރު ވިދާޅުވީ އެ ގައުމުން އުންމީދުކުރަނީ ކުރީގެ ސަރުކާރުން ކުރި ކަންތައްތައް ރަނގަޅު ކުރުމަށް މިސަރުކާރުން މަސައްކަތްކުރުން ކަމަށާއި އަދި ސުލްހަ ގާއިމްކުރުމަށް ދެފަރާތް ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ. – ޔަހޫ ނިއުސް