އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދިން ވައިގެ ހަމަލާއެއްގައި އަލް-ޖަޒީރާގެ ނޫސްވެރިއެއްގެ އާއިލާ ޝަހީދުކޮށްލައިފި އެވެ.
މި ހަމަލާގައި ނޫސްވެރިޔާ ވާއިލް އަލް ދަހްދޫގެ އޭނާގެ އަނބިމީހާ އާއި ފިިރިހެން ދަރިފުޅާއި އަންހެން ދަރިފުޅު ވެސް ވަނީ ޝަހީދުކޮށްލައިފަ އެވެ. އެމީހުންނަށް ހަމަލާ ދިނީ ޣައްޒާގެ ރެފިއުޖީ ކޭމްޕެއް ތެރޭގައި ތިއްބާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އަލް-ޖަޒީރާ އިން ނެރުނު ބަޔާނެއްގައި ބުނީ އިސްރާއީލްގެ ހަމަލާއެއްގައި ވާއިލްގެ ކާފަ ދަރިފުޅެއް ވެސް ޝަހީދުކޮށްލާފައިވާ ކަމަށެވެ. އިސްރާއީލްގެ ޔަހޫދީން ދިން މި ހަމަލާ ކުށްވެރި ކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މި ހަމަލާ އަމާޒުވި އިރު، ވާއިލް ދިރިއުޅެމުން ދިޔައީ ޣައްޒާގެ މެދު ތެރޭގައި ހުންނަ ނުސެއިރާތު ކޭމްޕްގައި ހުންނަ ގެއެއްގަ އެވެ. ޣައްޒާގެ އުތުރު ސަރަހައްދުގައި ދިރިއުޅެމުން ދިޔަ ވާއިލް އެ ސަރަހައްދަށް ބަދަލުވީ އިސްރާއީލުން ދިން އިންޒާރާ އެކުގަ އެވެ. އިސްރާއީލުން މީގެކުރިން ވަނީ ޣައްޒާ އުތުރު ސަރަހައްދު ހުސް ކުރަން ބުނެފަ އެވެ.
ވާއިލްގެ ދެ ކުދިންނާއި ކާފަ ދަރިފުޅު ޝަހީދުވި އިރު، އާއިލާގެ އެހެން މެމްބަރުން އިމާރާތްތަކުގެ ދަށުގައި ތިބި ކަމަށްވެ އެވެ. އަދި ބައެއް މީހުން ސަލާމަތްވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
ވާއިލް ދަނީ އަލް-ޖަޒީރާގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފަ އެވެ.
"ޣައްޒާގައި އަހަރުމެންގެ ނޫސްވެރިންގެ ސަލާމަތާ މެދުގައި އިންތިހާ އަށް ކަންބޮޑުވޭ. އަދި މިކަމުގައި އިސްރާއީލްގެ ކަމާ ބެހޭ ފަރާތްތަކުގެ ޒިންމާ ނަގަން ޖެހޭނެ،" އަލް-ޖަޒީރާ އިން ނެރުނު ބަޔާނުގައިވެ އެވެ.
އަލް-ޖަޒީރާގެ ބަޔާނުގައި ވަނީ ބައިނަލްއަގުވާމީ މުޖުތަމައު އިން މި ހަނގުރާމައިގެ ތެރެއިން ވަދެ، އާންމުންނަށް ދޭ ހަމަލާތައް ހުއްޓާލުމަށްޓަކައި މަސައްކަތް ކުރުމަށް އެދިފަ އެވެ.