"ކޮފީ ވިތު ކަރަން"އަކީ ބޮލީވުޑްގެ އެކްޓަރުންގެ އިތުރުން ވެސް އިންޑިއާގެ މަޝްހޫރު ޝަހްސިއްޔަތުން މެހްމާނުންގެ ގޮތުގައި ފެންނަ ޝޯއެކެވެ. އެހެން ނަމަވެސް މި ފަހަކަށް އައިސް އެ ޝޯގައި ކްރިކެޓް ކުޅުންތެރިންނަށް ފުރުސަތު ދީފައިނުވާކަން މީޑިއާތަކުން ވަނީ ފާހަގަކޮށްފަ އެވެ.

މިދިޔަ ހުކުރު ދުވަހު ކަރަން ބޭއްވި އިންސްޓަގްރާމް ލައިވްއެއްގެ ތެރެއިން މީހަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ކަރަން ބުނީ މާޒީގައި ކަންވީ ގޮތުން ކްރިކެޓް ކުޅުންތެރިންނަށް ދައުވަތު ދޭން ބިރުގަންނަ ކަމަށެވެ.

"އަހަރެން ވަރަށް ބޭނުން ކްރިކެޓް ކުޅުންތެރިންނަށް ދައުވަތު ދޭން. އެކަމަކު ކަންވީ ގޮތަށް ބަލާއިރު ހިއެއް ނުވޭ އަހަރެންގެ ދައުވަތު އެ މީހުން ގަބޫލު ކުރާނެހެން،" ކަރަން ބުންޏެވެ.

ކަރަން އެ އިޝާރާތް ކުރަނީ ކޮފީ ވިތު ކަރަންގެ ހަތްވަނަ ސީޒަންގައި އިންޑިއާގެ މަޝްހޫރު ދެ ކްރިކެޓް ކުޅުންތެރިން ކަމަށްވާ ކޭއެލް ރާހުލްއާއި ހާރްދިކް ޕަންޑްޔާ އައުމުން ކަންވީ ގޮތަށެވެ.

އެ އެޕިސޯޑުގައި ރާހުލްއާއި ހާރްދިކް ދެއްކި ވާހަކަތަކަކީ ބޭއަދަބީ އަދި އިހްތިރާމް ކުޑަ ވާހަކަތަކެއް ކަމަށް ބުނެ އާއްމުންގެ ފަރާތުން އެ ދެމީހުންނަށް ފާޑުކިޔުން އަމާޒުވި އެވެ.

ކޮފީ ވިތު ކަރަންގެ އަށްވަނަ ސީޒަން ފެށިގެން ކުރިއަށްދާއިރު އެ ސީޒަންގެ ފުރަތަމަ އެޕިސޯޑުގައި ފެނިގެންދިޔައީ ރަންވީރު ސިންހްއާއި ދީޕިކާ ޕަދުކޯން އެވެ.

ޝޯގެ ކުރިއަށް އޮތް އެޕިސޯޑުގައި ފެންނާނީ ދެބެއިން ކަމަށް ކަރަން ހާމަކުރި ނަމަވެސް އެއީ ކޮން ދެބެއިންނެއް ކަމެއް އޭނާ ބުނެފައެއް ނުވެ އެވެ.