ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގައި އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ގޮތަށް ކަނޑައަޅައި ދިނުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ތަދައްހުލްވާން ޕީޕީއެމް ޕީއެންސީ އިން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގައި އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ގޮތަށް ކަނޑައަޅައި ދިނުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ހޯމަ ދުވަހަށް ތާވަލްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ އެކޯޓަށް ބަލައިގެންފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:00 ތާވަލުކޮށް، އެ އަޑެހުމަށް މިހާރު ވަނީ ޗިޓް ފޮނުވައިފަ އެވެ. މި މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.
މި މައްސަލައަށް ތަދައްހުލްވާން ޕީޕީއެމް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުން މިއަދު ވަނީ ނިންމާފަ އެވެ. އެގޮތަށް ނިންމާފައި ވަނީ ޕީޕީއެމް ޕީއެންސީގެ ޕީޖީ ގުރޫޕުން މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.
ޕީޕީއެމް ޕީއެންސީ ޕީޖީ ގުރޫޕުން ބުނިގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބަރު ނެތްކަމުގެ މައްސަލައާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅަފައިވާ ދުސްތޫރީ މައްސަލައަށް ޕީޕީއެމް، ޕީއެންސީ ގެ ޕީޖީ ގުރޫޕުން ތަދައްހުލްވާން ނިންމާފައިވާ ކަމަށެވެ.
އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓުގައި މައިގަނޑު އެދުނީ ދެ ކަމަކަށެވެ. ފުރަތަމަ ކަމަކީ މަޖިލިހުގެ ރައީސް މަގާމުން ދުރުކުރުމުގެ މައްސަލަ ކުރިޔަށް ގެންދިއުމަށް މަޖިލިހުގެ ނާއިބު ރައީސަށް ނާދެވިއްޖެ ހާލަތުގައި، މަޖިލިހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މަޖިލިހުގެ ޖަލްސާ ކުރިއަށް ގެންދެވޭކަމަށް ކަނޑައަޅައި ދިނުމަށެވެ.
މަޖިލީހުގެ 44 ވަނަ މާއްދާގެ ހ. ގައި އޮންނަނީ، މަޖިލިސް ރައީސާއި ނާއިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތުގައި، ރިޔާސަތު ބެލެހެއްޓުމަށް މަޖިލިހުގެ ފަސް މެމްބަރަކު ތިއްބަވަން ޖެހޭނެ ކަމަށެވެ. އަދި އެ މެމްބަރުންނަކީ މަޖިލިހުގައި ތިއްބެވި އެންމެ ދުވަސްވީ މެމްބަރުންނަށް ވާން ޖެހޭނެ ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.
ދެވަނަ ކަމެއްގެ ގޮތުގައި އެދިފައި ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލިހުގެ އެހެން މަސައްކަތަކަށް ނުދެވޭކަމަށް ކަނޑައަޅައި ދިނުމަށެވެ.